މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ އުމްރާ ފްލައިޓް ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މިހާރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް މޯލްޑިވިއަނުން ލަފާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރަމުން، މަސްރަހު ގޯސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން ވެސް ސައުދީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި ދަތުރު ފަސްކުރުމާ ގުޅިގެން އުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ހައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފަ އެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ވަނީ ފާހަގަކޮށްފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ މަސްރަހު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި އުމްރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިން ފޯރުކޮށްދެމުންދާނެ ކަމަށާއި، ހާލަތު ރަނގަޅުވުމުން ދަތުރުކުރާނެ އާ ތާރީﺨެއް އަންގާނެ ކަމަށްވެސް ބުނެފައިވެ އެވެ.