ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގައި ހުރި ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ވަނީ، ދަންވަރުގެ ވަގުތެއްގައި ވިނަރެސްގެ ޓަވަރެއްގެ ބޭރުގައި ހުރި ސްކްރީނަކުން އަންހެނެއްގެ ބަރަހަނާ މަންޒަރު ދެއްކި ކަމަށް ބުނާ ޕޯސްޓެއް ދައުރުވެފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ، އެފަދަ މައްސަލައެއް ދަންވަރު 03:23 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ވިނަރެސް ތިނެއްގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ލިބުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ވަނީ، އެފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު އިތުރަށް ބަލަމުން އަންނަކަން ހާމަކޮށްފަ އެވެ.