ރަސްމާލެ މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި ވެސް މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާންޖެހޭނެ ކަމަށެވެ.
ނަމަވެސް ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދާއިމީކޮށް ހިލޭ ދިނުމުގައި އެފަދަ ހަމައެއް ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި މުއާމަލާތުން އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށް ކަމަށާއި، ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ ފައިދާއެއް ނުފެންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ 500 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެންނެވެ. އެހެންނަމަވެސް އެ ބިން އީގަލް ހިލްސްއަށް ދެނީ ހިލޭ ކަމަށާއި، އެކަމުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އީގަލް ހިލްސްއިން އަޅާނެ ކަމަށް ބުނާ 5,000 ހައުސިން ޔުނިޓް ވެސް ޖެހެނީ ދިވެހި ސަރުކާރުން ގަންނަން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި މުޅި ގައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންކަމުން މި މަޝްރޫއު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މޭޔަރު ސައުދު ކޯޓަށް ހާޒިރެއް ނުވި: ކްރިމިނަލް ކޯޓް
މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް އުފައްދަނީ
