ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުނުވި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ސައުދަށް ދައުވާކުރަނީ ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ޝަރުތު ހަމަވާ 10،000 މީހުން އުޅޭކަން ދެއްކުމުގެ ގޮތުން، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާ ކަމަށް ބުނެ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އެ މައްސަލާގައި އޭނާއަށް ކުރަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކުރި ނަމަވެސް އެ އަޑުއެހުމަށް ސައުދު ހާޒިރު ނުވުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނަމަވެސް ސައުދު ހާޒިރުނުވީ ކޮން ސަބަބަކާ ހެދި ކަމެއް އަދި އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

އެ ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަމަވެސް މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ. ސައުދު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ ސިޔާސީ މަސައްކަތެއް ކަމަށެވެ.