ދަނޑުވެރިކަމާބެހޭ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ދަނޑުވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން އެޕްލިކޭޝަން ބަލައިގެންނާނެ އެންމެ ފަހު ތާރިހަކީ 31 އޮކްޓޫބަރު ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފި އެވެ.

"ދަނޑުވެރި މަންފާ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާއި އެކު ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

ގްރާންޓްގެ ދެވަނަ ބުރު ނިމިގެންދިޔައިރު މި އަތޮޅުތަކުގެ ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ. މިގޮތުން ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންގެ ދަށުން އާ ގްރީން ހައުސް އިންސްޓޯލްކުރުމަށާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ފަދަ ޒަމާނި ދަނޑުވެރިކަން ކުރުމަށް މި ގްރާންޓަށް އެދި ހުށަހަޅާފައިވެ އެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ %30 އާއި %50 އާ ދެމެދު ހިލޭ އެހީ ހަމަޖެހޭނެ އެވެ. އަދި ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ދަނޑުވެރި މަންފާ ސްކީމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ މާލީ ބުރަ ބޮޑުނުވާ ގޮތަށް ޒަމާނީ ދަނޑުވެރިކަމުގެ އާ އުކުޅުތައް ދަނޑުވެރިންނަށް ތަޖުރިބާކޮށްލުމަށް ލިބިގެން ދިޔަ ފުރުސަތު މި ސްކީމްގެ ދަށުން ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މިފަދަ ސްކީމްތަކާއި ދަނޑުވެރިންނަށް ދޫކުރާ ފައިނޭންސިންގ އެހީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް ދަނޑުވެރިންނަށް މި މަސައްކަތުން ލިބޭ ނަފާ އިތުރުވުން." އޭނާ ވިދާޅުވި އެވެ.

އެސްއެމްއީ ޑިޖިޓަލް އާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އިން ވަނީ ހއ. ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި ބައްދަލުކޮށް މި ގްރާންޓް ސްކީމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެޕްލިކޭޝަން ހުށެހެޅުމަށް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި މައުލޫމާތު ބައްދަލުވުމުގެ ބޭނުމަކީ ދަނޑުވެރިކަން ކުރުމަށް ހުރި މަގުތަކަށް ހޭލުންތެރިކަން އުފައްދާ ރާއްޖެއަށް ލިބެން ހުރި ހިލޭ އެހީގެ ފުރިހަމަ ބޭނުން ހިފުމަށް ދަނޑުވެރިންނާއި ދަނޑުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާރުއެޅުމެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް އިން ގުޅިގެން މިހާރު ކުރަމުންދަނީ މި ގްރާންޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ގްރާންޓް އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެކެވެ. އަދި އިވެލުއޭޓް ކުރުމަށްފަހު ގްރާންޓް ދޫކުރުމަށް ކަނޑައަޅާ ފަރާތްތަކަށް ގްރާންޓް ދިނުމުގެ މަރުހަލާ އެސްއެމްއީ ޑިޖިޓަލް އިން ފުރިހަމަކުރާނެ އެވެ.