ބްރެޒިލްގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން އެމެރިކާގެ މިއާމީއަށް ފިއްލެވި ކަނާތުފިޔައިގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ، އަމިއްލަފުޅަށް ބްރެޒިލްގެ "ހަގީގީ ރައީސް" އަދި "ޒައީމް" ކަމަށް އިއުލާނުކުރެއްވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާގެ މައްޗަށް ކުރި ނުލިބި، އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެއްދެވި ފްލާވިއޯ ބޮލްސޮނާރޯ، އާޖެންޓީނާ އަދި އިކުއެޑޯ މަގުން އެމެރިކާއަށް ވަޑައިގަތީ ކޯޓުން އޭނާގެ ޕާސްޕޯޓް ހަވާލުކުރަން އަންގާފައިވަނިކޮށެވެ.

މިއާމީއަށް ވަޑައިގަތުމަށްފަހު އާންމުކުރެއްވި ސިޓީއެއްގައި ފުރަތަމަ އަމިއްލަފުޅަށް ބްރެޒިލްގެ "ހަގީގީ ރައީސް" ކަމަށް ވިދާޅުވި ނަމަވެސް، ފަހުން އެ ސިޓީ ބަދަލުކުރައްވައި އޭނާއަކީ ބްރެޒިލްގެ "ޒައީމް/ ލީޑަރު" ކަމަށް ވަނީ ސިފަކުރައްވާފަ އެވެ. މީޑިއާތަކުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އޭނާގެ މި އަމަލަކީ ބަގާވާތެއް ހިންގުމަށް މަގުކޮށުން ފަދަ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ބްރެޒިލްގެ ރައީސް ލޫލާ ދާ ސިލްވާ ވަނީ ފްލާވިއޯ ބޮލްސޮނާރޯ ގައުމު ދޫކުރައްވައި ފިއްލެވި ފިއްލެވުމަކީ "ލަދުވެތި" އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ބޮލްސޮނާރޯގެ އާއިލާއިން އަބަދުވެސް އިސްކަންދެނީ ގައުމަށް ހިދުމަތްކުރުމުގެ ބަދަލުގައި އެމެރިކާގެ ނުފޫޒުގެ ދަށުގައި ތިބުމަށް ކަމަށް ވިދާޅުވެ ލޫލާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއާމީއަށް ބޮލްސޮނާރޯ ވަޑައިގަތުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް އެމެރިކާއިން ހިމާޔަތާއި އެންޓްރީ ދީފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. އެކަމަކު ބްރެޒިލްގެ އިންތިހާބީ ނަތީޖާއާ މެދު ސުވާލު އުފެއްދެވި ނަމަވެސް، ބްރެޒިލްގެ ސިޔާސީ މަސްރަހުގެ ތެރެއަށް އެމެރިކާއިން ސީދާ ނުވަންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.