ދެން އެންމެ އަވަހަށް މި ރޯލުން ފެންނާނެ އެކްޓަރަކު އިޢުލާން ކުރުމާއެކު، ސަޕޯޓަރުންގެ ފަރާތުން ބޮޑު ނުރުހުމެއް އަމާޒުވާނެ ކަމަށް ޖޭމްސް ބޮންޑްގެ ވާހަކަތައް ލިޔާ ލިޔުންތެރިޔާ ލަފާކޮށްފި އެވެ.

ޖޭމްސް ބޮންޑްގެ އާ ފޮތް "ކިންގް ޒީރޯ" ލިޔުނު ޗާލީ ހިގްސަން، "ދަ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިވަގުތު އެންމެ ކުރީގައި އުޅޭ ސްކޮޓްލޭންޑްގެ އެކްޓަރު ޖެކް ލޯޑަން އަކީ މި ރޯލަށް އެކަށީގެންވާ ފަރާތެއް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ.

"އަހަންނަށް އެހާ ޔަގީނެއް ނޫން. އޭނާ ކަމުދޭ، އެކަމަކު މިއީ ކުރިން ޓޮމް ހިޑްލްސްޓަންގެ ނަން އިވުނު ދުވަސްވަރު ވީގޮތާ އެއްގޮތް ކަމެއް. އޭނާއަކީ ހަނގުރާމަކުރާ މީހެއްގެ ގޮތުގައި ބަލައިގަންނަން އުނދަގޫ،" އެންމެ ފަހުން ބޮންޑްގެ ރޯލު ކުޅުނު ޑެނިއަލް ކްރެއިގްއާ އަޅާކިޔަމުން ހިގްސަން ބުންޏެވެ. "ޑެނިއަލް ކްރެއިގް ފެނުމުން އޭނާ މީހަކު ތަޅާ ބަލިކޮށްލާފާނެ ކަމަށް ގަބޫލުކުރެވޭ. ބޮންޑްގެ ކިބައިން އެ ސިފަ ފެންނަން ޖެހޭނެ." އޭނާ އިތުރަށް ބުންޏެވެ.

ސަޕޯޓަރުންގެ މެދުގައި މަގުބޫލު އެހެން އެކްޓަރުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން، ހިގްސަން ބުނީ ޖޭކޮބް އެލޯޑީ އަކީ މާ އިސްކޮޅުން ދިގު މީހެއް ކަމަށާއި، އަދި ކެލަމް ޓާނާގެ ސިފަ ހުރީ އާންމުކޮށް ފެންނަ ބޮންޑުންނާ ތަފާތުކޮށް ކަމަށެވެ.

"ބޮންޑަކީ ކަޅު ނަސްލުގެ މީހަކަށް ވުމަކީ މައްސަލައެއް ނޫން. އެކަމަކު ބޮންޑުގެ ރޯލަށް އަންހެނަކު ގެނައުމުގެ ބޭނުމެއް ނެތް. ސަބަބަކީ އެ ކެރެކްޓަރަކީ ފިރިހެންވަންތަކަން ރަމްޒުކޮށްދޭ ކެރެކްޓަރަކަށް ވާތީ،" އޭނާ އިތުރަށް ބުންޏެވެ.

އެކްޓަރުން ހޮވުމުގެ މަރުހަލާއާ ބެހޭ އެތެރޭގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަން ފާހަގަކުރަމުން ހިގްސަން ބުނީ، އެމީހުން ހޮވާނީ މާ ޒުވާން މީހެއްތޯ ނުވަތަ މަޝްހޫރު ނަމެއްތޯ ބެލުމަކީ ޝައުގުވެރި ކަމަކަށް ވާނެ ކަމަށެވެ.

އެމެޒޯން އެމްޖީއެމް ސްޓޫޑިއޯއިން ކޮންމެ މީހަކު ހޮވި ކަމުގައި ވިޔަސް، ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތައް އަންނާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. "އެމީހުން ނިންމާ ކޮންމެ ނިންމުމަކާ މެދުވެސް، އެނގޭ ދުވަހުން ގިނަ ބަޔަކު ވަރަށް ބޮޑަށް ރުޅިގަދަވާނެ،" އޭނާ ބުންޏެވެ.

ހިގްސަން އަކީ 1964 ވަނަ އަހަރު އިއާން ފްލެމިންގް މަރުވި ފަހުން، އޭނާގެ "އިއާން ފްލެމިންގް ޕްރޮޑަކްޝަންސް" ގެ ދަށުން ޖޭމްސް ބޮންޑްގެ ވާހަކަތައް ލިޔުމާ ހަވާލުވި އަށްވަނަ ފަރާތެވެ. އެކްޓަރެއްގެ ގޮތުގައާއި ކޮމީޑިއަނެއްގެ ގޮތުގައިވެސް މަސައްކަތްކުރާ ހިގްސަން ވަނީ "ޔަންގް ބޮންޑް" ގެ ފަސް ފޮތަކާއި، ބޮޑެތި މީހުންނަށް ހާއްސަ ދެ ފޮތެއް ލިޔެފަ އެވެ. އެއީ 2023 ގައި ނެރުނު "އޮން ހިޒް މެޖެސްޓީސް ސީކްރެޓް ސާވިސް" އާއި މި މަހު ނެރުމަށް ހަމަޖެހިފައިވާ "ކިންގް ޒީރޯ" އެވެ.