ކާމިޔާބީއަށް ލޯބިކުރާ، އަޒުމް ވަރުގަދަ މީހުންނަށް ދުޅަހެޔޮ ލޯބީގެ ގުޅުމެއް ބޭއްވުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ބައެއް މީހުންގެ އަމިއްލަ ތަޖުރިބާގެ މައްޗަށް މިފަދަ ގަބޫލުކުރުންތަކެއް ހުރި ނަމަވެސް، މިއީ އަބަދު މިކަން އޮންނަންޖެހޭނެ ގޮތެއް ނޫނެވެ. ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. ޗަންދްރިމާ މިސްރާ މުކަރުޖީ ވިދާޅުވާ ގޮތުގައި، ކާމިޔާބު ވަޒީފާއަކާއި އުފާވެރި ގުޅުމެއް އެއްކޮށް ގެންދިއުމަކީ ކުރެވިދާނެ ކަމެކެވެ.
"ކުރިއެރުމުގެ ތެރޭގައި ކާމިޔާބު ކެރިއަރެއް ބިނާކުރުމާއި، އަމިއްލަ ލަނޑުދަނޑިތައް ހާސިލުކުރުމާއި، މާލީ މިނިވަންކަން ހޯދުން ހިމެނޭ. ނަމަވެސް މައްސަލަ ދިމާވާން ފަށަނީ، ވަޒީފާގެ ކާމިޔާބީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ގާތްކަމަށް ހުރަސްއެޅެން ފެށުމުން،" އޭނާ ވިދާޅުވި އެވެ. އޮތް ހައްލަކީ ލޯތްބާއި ވަޒީފާގެ ކުރިއެރުމާ ދެމެދު ވަކި ގޮތެއް އިހްތިޔާރު ކުރުމުގެ ބަދަލުގައި، އެ ދެކަންތަކަށްވެސް ފުރުސަތު ދިނުންކަމަށް އޭނާ ވިދާޅުވި އެވެ.
ދާއިމީ ގޮތެއްގައި ކަންކަން ކުރުމާއި ކުދިކުދި އަމަލުތަކުގެ މުހިންމުކަން
ޗަންދްރިމާ ވިދާޅުވާ ގޮތުގައި، އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ގުޅުމެއް ދެމެހެއްޓުމަކީ ދޭތެރެއަކުން ކުރާ ކަމެއްގެ ބަދަލުގައި، ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތެއް ކަމެވެ. ވަޒީފާގައި ހޭދަކުރާ ގިނަ ވަގުތުތަކާއި، ސުންގަޑިތަކާއި، މަސައްކަތުގެ ބުރަކަމުގެ ސަބަބުން ބައިވެރިޔާއާއެކު ހޭދަކުރަން އޮންނަ ވަގުތު މަދުވެދާނެ އެވެ. ނަމަވެސް، ތިރީގައިވާ ފަދަ ކުދިކުދި އާދަތަކުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަން ދެމެހެއްޓިދާނެ އެވެ:
- އެކުގައި ކެއުން
- އޮފީސް ވަގުތުތަކުގައި ބައިވެރިޔާގެ ހާލު ބަލާލުން
- ފޯނާ ދުރުގައި، އެކަކު އަނެކަކަށް ފުރިހަމަ ސަމާލުކަން ދީގެން ވަގުތު ހޭދަކުރުން
"އެއާ އެއްވަރަށް މުހިންމު އަނެއް ކަމަކީ، ހަމައެކަނި ވަޒީފާގައި ބުރަކޮށް އުޅޭ ބައިވެރިޔާގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އަނެއް ބައިވެރިޔާގެ ދުވަސް ދިޔަ ގޮތާއި އޭނާގެ އިހުސާސްތަކަށް ސަމާލުކަން ދިނުން،" ނަފްސާނީ މާހިރު ފާހަގަކުރެއްވި އެވެ. "މީގެ ސަބަބުން ދެ ބައިވެރިންނަށްވެސް އެކަކު އަނެކަކުގެ ދިރިއުޅުމުގައި ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭކަމުގެ އިހުސާސް ކުރެވޭނެ. ބައެއް ފަހަރު، ބޮޑެތި ކަންތައްތައް ކުރުމަށްވުރެ ކުދިކުދި ކަންތައްތައް ދާއިމީކޮށް ކުރުން މާ ނަތީޖާ ރަނގަޅު" ޗަންދްރިމާ ވިދާޅުވި އެވެ.
މުއާމަލާތް ކުރުމަކީ އެންމެ މުހިންމު އަސާސް
ކޮންމެ ގުޅުމެއްގައިވެސް މުއާމަލާތް ކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. ޗަންދްރިމާ ވިދާޅުވާ ގޮތުގައި، ބައިވެރިން އެމީހުންގެ ލަނޑުދަނޑިތަކާއި، މަސައްކަތުގެ ބުރަކަމާއި، ކުރިމަގަށް ކުރާ އުންމީދުތަކާ ބެހޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދައްކަން ޖެހެ އެވެ.
"މަސައްކަތް ވަރަށް ބުރަވާނެ ދުވަސްވަރެއް އަންނަކަން ކުރިއާލާ ބައިވެރިޔާއަށް އެނގުމަކީ، އޮޅުންތަކުން ދުރުވުމަށާއި ބައިވެރިޔާއަށް އަޅާނުލެވޭ ކަމުގެ އިހުސާސްވިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެއް. ކޮންމެ ބައިވެރިއެއްގެ އަޑުވެސް އަނެކާއަށް އިވެންޖެހޭނެ" އޭނާ ވިދާޅުވި އެވެ.
އެކަކު އަނެކަކަށް އެހީތެރިވުމުން ދުޅަހެޔޮ ގުޅުމެއް ބިނާވޭ
އެކަކު އަނެކަކަށް އެހީތެރިވުމަކީވެސް މުހިންމު ކަމެއް ކަމަށް ނަފްސާނީ މާހިރު ވިދާޅުވި އެވެ. ދުޅަހެޔޮ ގުޅުމެއްގައި، އަނެކާގެ ކާމިޔާބީއަށް ބިރުގަތުމުގެ ބަދަލުގައި، ދެމީހުންނަށްވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަންވާނެ އެވެ. ކާމިޔާބީތައް ފާހަގަކުރުމާއި، މަސްއޫލިއްޔަތުތައް ހިއްސާކުރުމާއި، އެކަކު އަނެކަކުގެ ހުވަފެންތަކަށް ހިތްވަރު ދިނުމަކީ އިތުބާރު ބަދަހިވާ ކަމެކެވެ.
ވަޒީފާގައި ކުރިއަރަމުންދާއިރު، އެކަމުގައި ބައިވެރިޔާގެ އެހީތެރިކަމާއި ގުރުބާނީ އަބަދުވެސް ބަލައިގަންނަން ޖެހޭނެ ކަމަށް ޗަންދްރިމާ ފާހަގަކުރެއްވި އެވެ.
"އޭރުން އެމީހުންނަށް އިހުސާސް ކުރެވޭނީ އެމީހުން ދޭ އެހީތެރިކަމާއި، ވާ ގުރުބާނީއާއި، ބަހައްޓާ ކެތްތެރިކަމުގެ އަގު ވަޒަންކުރެވޭ ކަން. މި އެހީތެރިކަމަކީ ދެ ފަރާތުންވެސް ލިބެންޖެހޭ އެއްޗެއް. އެކެއްގެ ވަޒީފާގެ ސަބަބުން އަބަދު އަނެކާގެ ބޭނުންތައް ގުރުބާން ކުރަން ޖެހިގެން ނުވާނެ" އޭނާ ކިޔާދެއްވި އެވެ.
ހަމަހަމަކަން ދެނެގަތުން
ހަމަހަމަކަން ނުވަތަ 'ބެލެންސް' ކުރުމަކީ ކޮންމެ ދުވަހަކު އެއްވަރަކަށް ވަގުތު ދިނުން ނޫން ކަމަށް ޗަންދްރިމާ ވިދާޅުވި އެވެ. "ވަޒީފާއަށް މާ ބޮޑަށް ސަމާލުކަން ދޭންޖެހޭ ދުވަސްވަރެއް އަތުވެދާނެއެވެ. ނަމަވެސް އެއީ ދާއިމީ ގޮތެއްގައި ބައިވެރިޔާއަށް ވަގުތު ނުދިނުމަށް ދައްކާ އުޒުރަކަށް ވެގެން ނުވާނެ. ދެމަފިރިން ދޭތެރެ ދޭތެރެއިން އެމީހުންގެ އިސްކަންދޭ ކަންތައްތަކާ މެދު ވާހަކަދައްކައި، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ވަގުތު ހުސްކުރަންވާނެ" ޗަންދްރިމާ ވިދާޅުވި އެވެ.
މިފަދަ ދުޅަހެޔޮ ވިސްނުމެއް ގެންގުޅުމަކީ ދެމަފިރިންނަށްވެސް އެންމެ ފައިދާހުރި ގޮތެވެ. މަގުސަދަކީ އެމީހެއްގެ އަމިއްލަ ވަކިވަކި ސިފަތައް ނުގެއްލޭނެހެން، އެކަކު އަނެކަކަށް ލޯތްބާއި އެހީތެރިކަން ދީގެން އުފާވެރިކަމާއެކު ދިރިއުޅުމެވެ.
ތިން އަތޮޅަކަށް ދަނޑުވެރިކަމުގެ ގްރާންޓްގެ ފުރުސަތު
އެމެރިކާ ހޯމްލޭންޑް ސެކިއުރިޓީ މުވައްޒަފުން މައުލޫމާތު ލީކުވެއްޖެ
އިލްމުވެރިންގެ ގުޅުމުން ރައީސަށާއި މަޖިލީހަށް ރައުޔު ފޮނުވައިފި