"މިއަދުގެ ޒުވާނުންނަށް ކުރިމަތިލާން ޖެހިފައިވަނީ އަހަރެން ދުވަހަކުވެސް ކުރިމަތިލާފައި ނުވާ ފަދަ ބާރުގަދަ ގޮންޖެހުންތަކަކާއެވެ."

މިއީ އިނގިރޭސިވިލާތުގެ ކްލިނިކަލް ސައިކޮލޮޖިސްޓް ޕީޓާ ފޮނާގީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ތައްޔާރުކުރި "ފޮނާގީ ރިވިއު" ގެ ނަމުން މަޝްހޫރުވެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކައެކެވެ.

މިދިޔަ މަހު ނެރުނު މި މުހިންމު ދިރާސާއަކީ އިނގިރޭސި ސަރުކާރުގެ އެދުމުގެ މަތިން ތައްޔާރުކޮށްފައިވާ 607 ސަފުހާގެ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހާއްސަކޮށް ކުޑަކުދިންނާއި، ފުރާވަރުގެ ކުދިން އަދި ޒުވާނުންގެ މެދުގައި އޮތް އެކަނިވެރިކަމާއި، އޭޑީއެޗްޑީ އަދި އޯޓިޒަމްގެ ހާލަތާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ސަބަބުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.

މި ދިރާސާގައި ގިނަ އަދަދެއްގެ ތަފާސްހިސާބުތައް ދިރާސާކޮށްފައިވާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އުމުރުން 25 އަހަރުން ދަށުގެ މީހުންނަށެވެ. އެގޮތުން، ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ނިސްބަތް 1993 ވަނަ އަހަރު ހުރީ ކޮންމެ ހަ މީހަކުން އެކަކުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު މިއަދަދު ވަނީ ކޮންމެ ހަތަރު މީހަކުން އެކަކަށް އިތުރުވެފަ އެވެ.

ބޮޑެތި ގޮންޖެހުންތަކާ ބެހޭގޮތުން ފޮނާގީ ދެއްކެވި ވާހަކައަށް ބަލާއިރު، އުމުރުން 74 އަހަރުގެ މި ތަޖުރިބާކާރު ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާވެސް ހިއްސާކޮށްފަ އެވެ. އެއީ ނަފްސާނީ ފަރުވާއިން ދިރިއުޅުމަށް އަންނަ ބަދަލު އޭނާއަށް އަމިއްލައަށް އެނގޭތީ އެވެ. 1967 ވަނަ އަހަރު، ހަންގޭރީން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިގެން ލަންޑަނަށް އައިއިރު، އޭނާއަކީ އުމުރުން 15 އަހަރުގެ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ހުރި ކުއްޖެކެވެ. އޭނާއަށް އިނގިރޭސި ބަހެއް ނޭނގެ އެވެ. އަދި ސްކޫލުގައި ކިޔެވުމަށްވެސް ދަތިތަކާ ކުރިމަތިވި އެވެ. އޭނާގެ އަވަށްޓެރިއަކަށް މިކަން ފާހަގަވެގެން އެހީތެރިކަން ހޯދައިދިން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"އެ ފަރުވާގެ ސަބަބުން އަހަރެންގެ ފުރާނަ ސަލާމަތްވި. އެކަން ކާމިޔާބުވީ ބޭނުންކުރި އުކުޅެއްގެ ސަބަބަކުން ނޫން. އެއީ އަހަރެން ބެލި މީހާއަށް އަހަރެންގެ ކިބައިގައި ހުރި އުނިކަންތައްތަކުގެ ބަދަލުގައި، ކުރިމަގުގައި ކާމިޔާބު މީހަކަށް ވެވިދާނެ ކަމުގެ އުންމީދު ފެނުމުން." އޭނާ ލިޔެފައިވެ އެވެ.

ދިރިއުޅުމުގައި ޔަގީންކަން ކުޑަވުމާއި، އަބަދުވެސް އެހެން މީހުންގެ ފާޑުކިޔުމާއި ބެލުމުގެ ދަށުގައި އުޅެންޖެހުމާއި، ކަންކަމުން އަރައިގަތުމަށް ވަގުތު ނުލިބުން ފަދަ ކަންކަން އޭނާ ފާހަގަކުރި އެވެ. "މިއަދުގެ ޒުވާނުންގެ ކަންފަތަށް އިވޭ ގިނަ އަޑުތަކަކީ ޑިޖިޓަލް ވަސީލަތްތަކުން އިވޭ، ނަމަވެސް ޒިންމާދާރުކަން ކުޑަ އަޑުތަކެކެވެ. މީގެ ސަބަބުން އަމިއްލަ ނަފްސު ދެނެގަތުމުގެ މަރުހަލާ، އަހަރެންގެ ޒުވާން ދުވަސްވަރަށްވުރެ މާ ބޮޑަށް އުނދަގޫވެއްޖެއެވެ،" އޭނާ ލިޔެފައިވެ އެވެ.

މި "ޑިޖިޓަލް އަޑުތަކުގެ" ސަބަބުން ޒުވާން ސިކުނޑިއަށް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟

ބައޮލޮޖިކަލް ސައިންޓިސްޓް ސުޖާތާ ކެލްކަރް ޝެޓީ ބުނާގޮތުގައި، ފުރާވަރުގެ ކުއްޖެއްގެ ސިކުނޑިއަކީ "ފެރާރީ ކާރެއްގެ އިންޖީނު" ފަދަ އެއްޗެކެވެ. ބާރުގަދަ އެކްސެލެރޭޓަރެއް ހުރި ނަމަވެސް އެއާ އެއްވަރުގެ ބްރޭކެއް ނުހުރެ އެވެ. ފުރާވަރުގެ ދުވަސްވަރަކީ އުފަންވުމަށްފަހު ފުރަތަމަ ދެ އަހަރު ފިޔަވައި ސިކުނޑި އެންމެ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުވަސްވަރެވެ.

މީގެ ސަބަބުން ފުރާވަރުގެ ކުދިންނަކީ "ޑޮޕަމިން" އަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ބަޔެކެވެ. އެ އުފާވެރިކަން ހޯދުމަށް ކުރާ ކަންކަމުގެ ސަބަބުން ބައެއް ފަހަރު ބެލެނިވެރިންނަށް "މިހާ މޮޔަ ކަމެއް ކުރީ ކީއްވެހޭ؟" ބުނެ ހަޅޭއްލަވަން ޖެހެ އެވެ. ސޯޝަލް މީޑިއާއަކީ މި ބަލިކަށިކަން އިތުރުކޮށްދޭ އެއްޗެއް ކަމަށް ޝެޓީ ފާހަގަކުރެ އެވެ.

އޮންލައިން ދުނިޔޭގައި ހުންނަ ގޭމްތަކާއި، ފީޑްތަކާއި، ޗެޓްކުރުން ފަދަ ކަންކަމަކީ ކުދިން މަޅީގައި ޖައްސާ ކަންކަމެވެ. މިއީ މައްސަލައިގެ ބިންގަލެވެ. ފުރިހަމަ ނިދި ލިބުމާއި، މުޖުތަމައާ އޮންނަ ގުޅުން ބަދަހިވުމާއި، ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ ސިކުނޑީގެ ބައިތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް ހުސްވެފައި ތިބުމުން މި ފުރުސަތުތައް ގެއްލިގެންދެ އެވެ.

އިންޑިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޓަނެޓް އެންމެ ގިނައިން ބޭނުންކުރަނީ 15 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 5 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިން، އުމުރުން 50 ގެ އަހަރުތަކުގައި ތިބި މީހުންނަށްވުރެ ގިނައިން އިންޓަނެޓް ބޭނުންކުރާކަން ވަނީ ފާހަގަވެފަ އެވެ.

ފުރާވަރުގެ ކުދިންނަށްވެސް ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭކަން އިހުސާސް ކުރެވެ އެވެ. "ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އެކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުހަލާތަކަށް ވަނީ އަސަރުކޮށްފައި. އަދި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ޔަގީންކަމެއް ނެތް ދުނިޔެއެއްގައި އެކުދިން ދަނީ ބޮޑުވަމުން،" ރިސާޗަރު ކޮނޯ ކާލްޓަން ބުންޏެވެ.

އޭނާގެ ދިރާސާއިން ދައްކާގޮތުގައި، ގާތް ރަހުމަތްތެރިއަކު ނެތް ކަމަށް ބުނާ 11 އަހަރާއި 24 އަހަރާ ދެމެދުގެ ކުދިންގެ ނިސްބަތް، 2014 ވަނަ އަހަރު 1 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު ވަނީ 5 އިންސައްތައަށް އުފުލިފަ އެވެ. ގިނަ ކުދިންނަށް އޮންލައިން ދިރިއުޅުމުގެ ނުރައްކާތައް އެނގެ އެވެ. އަދި އެކުދިން ދެވިހިފާ ކަހަލަ އުފެއްދުންތައް ތައްޔާރުކުރާ ކުންފުނިތަކާއި ސަރުކާރުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރެ އެވެ.

ނާއުންމީދާއި އުންމީދު

ތިބާގެ ދިރިއުޅުމަށް ބުރޫއަރާ މިންވަރަށް ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

ތިބާގެ އަމިއްލަ ކުރިމަގާއި، ގައުމާއި ނުވަތަ ދުނިޔޭގެ ކުރިމަގާ މެދު ތިބާ ދެކެނީ އުންމީދީ ގޮތަކަށް ހެއްޔެވެ؟ ނުވަތަ ނާއުންމީދީ ގޮތަކަށް ހެއްޔެވެ؟

އެމެރިކާގެ 1،304 ޒުވާނުންގެ މެދުގައި ކުރެވުނު ސާވޭއަކުން ދެއްކި ގޮތުގައި، 35 އިންސައްތަ ކުދިން ބުނީ އެކަނިވެރިކަމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށެވެ. އަދި ކުރިމަގުގައި ކުރިއަށްދާނެ ސާފު މަގެއް ނެތުމުގެ ސަބަބުންވެސް އެވަރުގެ ނިސްބަތެއްގެ ކުދިން ކަންބޮޑުވެ އެވެ. މީގެ އިތުރުން، 43 އިންސައްތަ ކުދިން ބުނީ ރަހުމަތްތެރިންނާ ބައްދަލުވެ ވާހަކަދެއްކުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ.

ކުރިމަގާ މެދު އޮތް އެންމެ ބޮޑު ބިރުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިޔާސީ ހަމަނުޖެހުންތަކާއި، އަދި ބަލިމަޑުކަން ފަދަ ބޮޑެތި މައްސަލަތައް އެއްފަހަރާ ކުރިމަތިވެ ހާލަތު އިތުރަށް ގޯސްވުން (39 އިންސައްތަ) ހިމެނެ އެވެ. މީގެ އިތުރުން ބަސްބުނުމުގެ މިނިވަންކަމާއި ބޭނުންވާ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ގަތުން ފަދަ ހުވަފެންތައް ހަގީގަތަކަށް ނުވެދާނެތީ އޮތް ބިރާއި (37 އިންސައްތަ)، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު (36 އިންސައްތަ) ވެސް އެކުދިން ފާހަގަކުރި އެވެ.

ނަމަވެސް، މި ސާވޭއިން އުންމީދީ ނިޝާންތަކެއްވެސް ފެނިފައިވެ އެވެ. ސާވޭގައި ބައިވެރިވި ކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން (57 އިންސައްތަ) އެކުދިންގެ ކުރިމަގާ މެދު އުންމީދު ކުރެ އެވެ.

"ކުރިމަގާ މެދު އަހަރެން އުންމީދު ކުރަނީ... އިންސާނުންނާ މެދުގައެވެ،" 12 ވަނަ ގްރޭޑުގެ ދަރިވަރަކު ފާހަގަކުރި އެވެ. "އުނދަގޫ ދަނޑިވަޅުތަކުގައިވެސް އާއިލާތަކާއި، ރަހުމަތްތެރިން އަދި ބީރައްޓެހިންވެސް އެކަކު އަނެކަކަށް އެހީތެރިވުމަށް އަތްގުޅާލާ މަންޒަރު އަހަރެން ދެކެމެވެ. އެކަމުން އަހަރެންނަށް ހަނދާންކޮށްދެނީ އަދިވެސް ރަނގަޅު ކަންތައްތަކެއް ވެދާނެ ކަމެވެ."