އުމުރުން 21 އަހަރުގައި މަންމައަކަށްވުމުން ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން މީރާ ރާޖްޕޫތު، ކަރީނާ ކަޕޫރާ ވާހަކަދައްކަމުން، އެ ދުވަސްވަރު ޝާހިދު ކަޕޫރުގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކޮށްފި އެވެ.
ޝާހިދު ކަޕޫރާއި މީރާ ރާޖްޕޫތު ކައިވެނީގެ ގޮތުން ގުޅުނީ 2015 ވަނަ އަހަރު، މީރާގެ އުމުރުން 21 އަހަރުގަ އެވެ. އޭގެ އެއް އަހަރު ފަހުން 2016 ވަނަ އަހަރު އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު މީޝާ ލިބުނެވެ. ކަރީނާ ކަޕޫރު ހުށަހަޅައިދޭ "ވަޓް ވުމެން ވޯންޓް" ޝޯގައި ބައިވެރިވެ، މީރާ ވަނީ އެހާ ޅަ އުމުރެއްގައި މަންމައަކަށް ވުމުން ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
މީރާގެ ވާހަކަޝޯގެ ތެރެއިން ކަރީނާ ކުރި ސުވާލަކަށް ޖަވާބުދެމުން މީރާ ބުނީ، މަންމައަކަށް ވުމަކީ ކޮންމެ އުމުރެއްގައި ކުރިމަތިލާން ޖެހުނު ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ. އަދި އޭނާއާއި ކަރީނާ ދަރިން ހޯދީ ތަފާތު ދެ އުމުރެއްގައި ނަމަވެސް، ދެމީހުންނަށްވެސް އެއްގޮތް އުނދަގޫތަކެއް ކުރިމަތިވާނެކަން ޔަގީންވާ ކަމަށް އޭނާ ބުންޏެވެ. މީރާ އިތުރަށް ބުނި ގޮތުގައި، ދަރިން ބަލާބޮޑުކުރުމުގައި ހާސްކަން އިހުސާސްވި ދަނޑިވަޅުގައި ފިރިމީހާ ޝާހިދުގެ ފަރާތުން ލިބުނު އެހީތެރިކަމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މީގެ އިތުރުން، އޭނާގެ ދެ ދައްތައިންނަކީވެސް ދަރިން ތިބި މީހުން ކަމަށްވުމުން، އެމީހުން ދަރިން ބަލާ ގޮތް ފެނިފައިވާތީ، މަންމައަކަށް ވުމަށް ތައްޔާރުވުމަށް އެއްވެސް ފޮތެއް ކިޔަން ނުޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މީރާ ބުނި ގޮތުގައި ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެކެވެ. އަދި ދަރިންގެ ޝުއޫރުތައް އޭނާއަށް ވަރަށް ރަނގަޅަށް ދެނެގަނެވޭ ކަމަށްވެސް ބުންޏެވެ. މީޝާގެ އުމުރުން 21 އަހަރުވާއިރު، އޭނާގެ އުމުރުން ވާނީ 41 އަހަރު ކަމަށާއި، އެއީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށްވެސް މީރާ ބުންޏެވެ.
ޝާހިދާއި މީރާގެ ކައިވެންޏަކީ 2015 ވަނަ އަހަރު އާއިލާގެ މެދުވެރިވުމުން ކުރެވުނު ކައިވެންޏެކެވެ. އެ ދެމަފިރިންގެ ތިބެނީ ދަރިފުޅު މީޝާގެ އިތުރުން ފިރިހެން ދަރިފުޅު ޒެއިން އެވެ. މީރާ ވަނީ ދާދިފަހުން "އަކައިންޑް ބިއުޓީ" ނަމުގައި ހަމުގެ ފަރުވާދޭ އުފެއްދުންތަކުގެ ބްރޭންޑެއްވެސް ތައާރަފުކޮށްފަ އެވެ.
ކަރީނާ އާއި ޝާހިދަކީ 2004 އިން 2007 އަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ. ނަމަވެސް ފަހުން ކަރީނާ ސައިފް އަލީ ޚާނާ ކައިވެނީގެ ގޮތުން ގުޅުނުއިރު، ޝާހިދު ކައިވެނީގެ ގޮތުން ގުޅުނީ މީރާ އާއެވެ.
ކަރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ދާދިފަހުން އޭނާ ވަނީ "ދާއިރާ" ނަމަކަށް ކިޔާ ފިލްމަކުން ފެނިގެން ގޮސްފަ އެވެ. މި ފިލްމުގައި ކަރީނާ އާއި ޕްރިތުވީރާޖް ސުކުމާރަން ފެނިގެންދަނީ ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރާ ދެ ފުލުހުންގެ ރޯލުންނެވެ.
ބަރުދަން ލުއިކުރުމަށް ކެއުމާއި ކަސްރަތު އެއްވަރަކަށް މުހިންމު
ބައިނޭންސުން 6.3 ބިލިއަން ޑޮލަރުގެ ބޮޑު ވައްކަމެއް