އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް "ޗެޓްޖީޕީޓީ" އިން ތައްޔާރުކޮށްދިން ޝެޑިއުލަކަށް އަމަލުކޮށް، ވާގިބަލި (އެޕިލެޕްސީ)އަށް ކާ ބޭސް ބޭނުންކުރުން ހުއްޓާލުމުގެ ސަބަބުން 31 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގައި އޯޕަންއޭއައިއާއި އެ ކުންފުނީގެ ސީއީއޯ ސޭމް އަލްޓްމަންއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފި އެވެ.
އެމެރިކާގެ ސެއާޓްލްއަށް ނިސްބަތްވާ ބޮވެން ވާން މަރުވި މައްސަލައިގައި އޭނާގެ މައިންބަފައިން ސެން ފްރަންސިސްކޯ ކައުންޓީ ސުޕީރިއާ ކޯޓަށް ދައުވާ ހުށަހެޅީ އޮކްޓޯބަރު 27 ގަ އެވެ. މި ދައުވާގައި އޯޕަންއޭއައިގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އިހުމާލުވުމާއި، އުފެއްދުމުގައި ހުރި ނުރައްކާތެރި އުނިކަމުގެ އިތުރުން، ހުއްދައެއް ނެތި ސިއްހީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމުގެ މައްޗަށެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން، އެމެޒޯންގެ ސޮފްޓްވެއާ އެންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި ބޮވެން ވާން، އޭނާ ބޭނުންކުރަމުންދިޔަ "ލަމޯޓްރިގީން" ބޭސް ބޭނުންކުރުން މަދުކޮށް، 400 މިލިގްރާމުން ސީރޯއަށް ތިރިކުރުމަށް ޗެޓްޖީޕީޓީ-4އޯ އިން ވަނީ 25 ދުވަހުގެ ޕްލޭނެއް ހަދައިދީފަ އެވެ. އަދި ޑޮކްޓަރުންނަށް މިކަން ސިއްރުކުރުމަށާއި، ބޭހުގެ މިންވަރު ދަށްވިކަން އެނގޭނެ ލޭގެ ޓެސްޓުތައް ހެދުމަށް އިންކާރުކުރުމުން ޗެޓްޖީޕީޓީން އޭނާއަށް ތައުރީފުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ބޮވެން ވާން މަރުވެފައި ވަނީ މި އަހަރުގެ ފެބްރުއަރީ 12 ގައި، އެޕިލެޕްސީގެ ސަބަބުން ކުއްލިއަކަށް ދިމާވި ސިއްހީ ނުރައްކަލެއްގަ އެވެ. އޭނާ މަރުވިތާ ޖެހިގެން އައި ދުވަހު އޯޕަންއޭއައިއިން ވަނީ ޖީޕީޓީ-4އޯ ބޭނުންކުރުން ހުއްޓާލާފަ އެވެ.
މިކަމާ ގުޅިގެން އޯޕަންއޭއައިގެ ތަރުޖަމާނަކު ބުނީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، ސިއްހީ ކަންކަމުގައި ޗެޓްޖީޕީޓީން ދޭ ޖަވާބުތައް ހަރުދަނާކުރުމަށް ޑޮކްޓަރުންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް ޗެޓްޖީޕީޓީއަކީ ސިއްހީ ފަރުވާއާއި ޑޮކްޓަރުންގެ ބަދަލުގައި ބޭނުންކުރެވޭނެ ވަސީލަތެއް ނޫން ކަމަށްވެސް ކުންފުނިން ފާހަގަކުރި އެވެ.
ޗެޓްޖީޕީޓީން ދޭ ސިއްހީ ލަފާތަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް ހުށަހަޅާ ގާނޫނީ މައްސަލަތައް އިތުރުވަމުންދާއިރު، މި މަހުގެ ތެރޭގައި އެމެރިކާގެ އަޔޯވާގެ އެޓާނީ ޖެނެރަލްވެސް ވަނީ އެ ކުންފުންޏާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅާފަ އެވެ.
ޖުމައްޔިލްއަށް ކުރި ދައުވާ ލުއިކޮށްފި
ކާމިޔާބީއަށް ލޯބިކުރާ މީހުންނަށް ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓިދާނެ
ޗައިނާއަށް ޖާސޫސްކޮށްދިން ދެ މީހަކު އެމެރިކާއިން ޖަލަށް ލައިފި