މަޝްހޫރު ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރި ދައުވާ ލުއި ދައުވާއަކަށް ބަދަލުކޮށްފި އެވެ.

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައި ވަނީ އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކަށެވެ. އެ މައްސަލާގައި އިންސާފު ނުލިބިގެން އޭނާ ވަނީ މީޑިއާއަކަށް އެކަމުގެ ތަފްސީލާއެކު ވީޑިއޯ އިންޓަވިއުއެއް ދީފަ އެވެ.

އެ އިންޓަވިއުއާއެކު އޭރުގެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލަ އަލުން ރިވިއުކޮށް، ދައުވާ އުފުލާފަ އެވެ.

ޖުމައްޔިލްއަށް ދައުލަތުން 2021 ވަނަ އަހަރު އުފުލީ ޖިންސީ ނިޔަތެއްއޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިހާރު އޭނާއަށް ކޮށްފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އެވެ. މި ދައުވާއަށް ބަދަލުކޮށްފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 2024 ވަނަ އަހަރު އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ އެއީ ޕޮލިސީއަށް އައި ބަދަލެއް ކަމަށާއި 16 އަހަރުން މަތީގެ ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި ކޮށްފައިވާ ދައުވާތައް ޖިންސީ ކުށުގެ ގާނޫނުގެ ދަށަށް ބަދަލުކުރީ ކަމަށް އޭނާ ކިޔައިދިނެވެ.

އެ ނިންމުން ނިންމާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ރ)އަށް ރިއާޔަތްކުރުމަށްފަހު ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.