ރަޝިޔާއާއެކު ކުރަމުންދާ ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ ދިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، ތުރުކީވިލާތާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި އާންމުކުރެއްވި ވީޑިއޯ ޚިތާބެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ-ޔޫކްރޭން ހަނގުރާމައަށް ހަތަރު އަހަރާއި ބައިވެފައިވާއިރު، މަސްރަހު ފިނިކުރުމަށް ލިބެންހުރި ހުރިހާ ޑިޕްލޮމެޓިކް ފުރުސަތުތަކެއްގެ ބޭނުން ހިފުމަށް ޔޫކްރޭނުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

"ތުރުކީގައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ. އަޅުގަނޑުމެން މި ދަނީ ދިޕްލޮމެޓިކް ހުރިހާ ދޮރުތަކެއްގެ ބޭނުން ހިފައިގެން ކުރިއަށްދިއުމަށް މަސައްކަތްކުރަމުން،" ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ އިޝާރާތް ކުރެއްވި ގޮތުގައި، ތުރުކީގައި ބާއްވާ މި މަޝްވަރާތަކަކީ އަންނަ މަހު އަލުން ފެށުމަށް ހަމަޖެހިފައިވާ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަސްމީ ސުލްހައިގެ ވާހަކަތަކަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކެކެވެ.

މީގެ ކުރިންވެސް ރަޝިޔާއާއި ޔޫކްރޭނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބޭއްވުމުގައި ތުރުކީވިލާތުން ވަނީ މުހިންމު މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ.