ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ޖަލު ހުކުމް ތަންފީޒުކުރަންޖެހޭ 240 މީހުންގެ ތެރެއިން 20 މީހަކު މިހާރު ވެސް ތިބީ ގޭބަންދުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ކުޑޫ ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހުންގެ ތެރެއިން ގޭބަންދަށް ދޫކޮށްލާފައިވާ ގިނަ މީހުން ތިބީ ވެރިރަށް މާލޭގައި ކަމަށެވެ. އަދި އެ މީހުން މުޖުތަމައުގެ ތެރޭގައި އެއްވެސް ބިރެއް ނެތި އުޅެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އެ މީހުން ސައިހޮޓާ ކެފޭ ރެސްޓޯރަންޓުތަކަށް ވަންނަމުންދޭ، މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް، މިހާ ހިސާބުން އަޅުގަނޑުގެ ސުވާލަކީ އަދުލު އިންސާފު ގާއިމްކުރެވޭތޯއޭ އަޅުގަނޑުމެންނަށް؟" ކުޑޫ ވިދާޅުވި އެވެ.
މީގެއިތުރުން، މިފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނާ މެދު ގާނޫނު ތަންފީޒު ނުކުރެވޭ ހާލަތެއްގައި، މަރުގެ އަދަބު އިންސާފުވެރިކަމާއެކު ތަންފީޒުކުރެވިދާނެ ކަމާމެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
މި މައްސަލައާ ގުޅިގެން ކުޑޫ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގައި އޭނާ ފާހަގަކުރައްވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން، އެފަދަ ކުށްވެރިންނަށް ކަފާލާތު ނުވަތަ ޕެރޯލްގެ އުސޫލު ވެސް ނުހިނގާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ވެސް މިފަދަ ކުށްވެރިންނަށް ޕެރޯލްގެ ފުރުސަތު ބަންދުކޮށްފައިވާކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
ގޭބަންދުގައި ތިބި 20 މީހުންގެ ލިސްޓެއް ހިމަނައި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި، އެ މީހުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއްގެ ދަށުން، ކޮން ޝަރުތުތަކަކާ އެކުތޯ ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ މީހުން ދިރިއުޅޭ ގެތަކާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި، ޓެގު އަޅުވައިގެން އެ މީހުން މޮނީޓާ ކުރެވެމުންދޭތޯ ސާފުކުރުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
ސޮނާކްޝީގެ ފޮޓޯތަކުގެ މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ޓެކްނިކަލް މައްސަލައާއެކު އެމެރިކާގެ ފްލައިޓްތައް ކެންސަލްވަނީ