އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ވެރިކަންކުރާ ޕީއެންސީއާއެކު މިއަދު ސޮއިކޮށްފި އެވެ.

ނަސަންދުރާގައި މިއަދު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނެވެ. އަދި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

އަދާލަތު ޕާޓީން ޕީއެންސީއާ ކޯލިޝަން ހަދަން ނިންމީ ނުރަސްމީކޮށް އެ ޕާޓީއާއެކު ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު އެވެ. އެގޮތުން އަދާލަތު ޕާޓީ ހިންގަން ބޭނުންވާ ފައިސާ ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންމެ މަހަކު ހަމަޖައްސަވައިދެއްވަމުންނެވެ.

މީގެއިތުރުން އަދާލަތު ޕާޓީގެ ބައެއް ބައްދަލުވުންތައް މީގެކުރިން ރިސޯޓްތަކުގައި ވެސް ބާއްވާފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް ފަރާތްތަކުން ބުނިގޮތުގައި ޣައިރު މުސްލިމުންނަށް ރާއްޖެއިން މުޅި އުމުރަށް ބިން މިލްކުކުރެވޭނެ ގާނޫނެއް މުޖޫދުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި އަދާލަތު ޕާޓީން ޕީއެންސީއާ ގުޅުނީ ފައިސާ އާއި މަގާމުތަކުގެ ދަހިވެތި ކަމުގައި ކަމަށެވެ.

"މިއަދު މިއޮތީ އެހެން ޕާޓީއެއްގެ ވެރިކަމެއްނަމަ، އެއަށްވުރެ ލާދީނީ ބަޔަކު ނުތިބޭނެ. އަދާލަތު ޕާޓީ އާއި ސަލަފު ޖަމިއްޔާއިން ނުކުމެ މުޒާހަރާކޮށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނެ ކަމީ ޔަގީންވާ ކަމެއް. އެކަމަކު ރައީސް މުއިއްޒު ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރެއްވިޔަސް ވަރިހަމަ،" ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އަދާލަތު ޕާޓީން ވަނީ އެ ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގެ ދަށުން މަސައްކަތްކޮށްފަ އެވެ.