ވެރިކަންކުރާ ޕީއެންސީ އާއެކު ކޯލިޝަން ހެދުމަކީ އަދާލަތު ޕާޓީ އުވުމުގެ ފެށުން ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ނައިބުރައީސް، އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފިލި ނުޖައްސަވައި އަލީ ޒާހިރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށެވެ. ނަމަވެސް، "އެމީހެއްގެ ރޮނޑުން ހަންދަމަން އެނގޭނީ އެ މީހަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ނެތިގެން އުވިގެން ދާތަން ފެނުނީމަ ހިތާމަކުރަން، ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެން މި ދަނީ،" އަލީ ޒާހިރު ކުރެއްވި ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ތާއީދު ކުރަން ނިންމައި އަދާލަތު ޕާޓީން މިއަދު ވަނީ ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޕީއެންސީއާއެކު ކޯލިޝަން ހެދުމުގެ ކުރިން ނުރަސްމީކޮށް އެ ޕާޓީން ވަނީ ސަރުކާރާއެކު މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ހަމަޖައްސަވައިދެއްވަމުންނެވެ.