ތަޅުދަނޑި ބޭއްވުނު ތަން ހަނދާންނެތުމާއި، މީހުންގެ ނަންތައް ހަނދާނުން ކައްސާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ކޮންމެ ދުވަހަކުވެސް ތަޖުރިބާކުރަން ޖެހޭ ކަމެކެވެ. ކޮޓަރިއަކަށް ވަދެވޭއިރު އެތަނަށް ދިޔަ ބޭނުން ހަނދާންނެތުން ފަދަ ކަންކަމަކީ ބައެއް ފަހަރު ކަންބޮޑުވުން އުފެދޭ ކަންކަމެވެ. މިއީ ހަމަ އާދައިގެ ކަމެއް ހެއްޔެވެ؟ ނުވަތަ ޑޮކްޓަރީ ފަރުވާއަށް އެދެންޖެހޭ ފަދަ ސީރިއަސް މައްސަލައެއް ހެއްޔެވެ؟ މިކަމުގެ ހަގީގަތް އިންޑިއާގެ މުމްބާއީގެ ޖަސްލޮކް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގެ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް، ޑރ. ވިނަޔާ ބަންޑާރީ ވަނީ ވަރަށް ތަފްސީލުކޮށް ސާފުކޮށްދެއްވާފަ އެވެ.
ހަނދާން މަސައްކަތްކުރަނީ ކިހިނެއް؟
ޑރ. ވިނަޔާ ވިދާޅުވި ގޮތުގައި އިންސާނާގެ ސިކުނޑީގެ ހަނދާނަކީ ވީޑިއޯ ރެކޯޑިންއެއް ފަދައިން މަސައްކަތްކުރާ އެއްޗެއް ނޫނެވެ. ކަމެއް ހަނދާނުގައި ބެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ އެކަމަކަށް ފުރިހަމަ ސަމާލުކަން ދޭންޖެހެ އެވެ. ސްޓްރެސްވުމާއި، ވަރުބަލިވުމާއި، އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރަން އުޅުމުގެ ސަބަބުން ސަމާލުކަން ނުދެވިއްޖެނަމަ، އެ މައުލޫމާތެއް ސިކުނޑީގައި ރައްކާނުކުރެވެ އެވެ. މިސާލަކަށް ފޯނެއްގައި ހުރެގެން ތަޅުދަނޑި ބޭއްވުމުން، ފަހުން އެ ހޯދަން އުނދަގޫވަނީ ހަނދާން ނެތުމަށްވުރެ ބޮޑަށް އެވަގުތު ސަމާލުކަން ނުދެވުމުގެ ސަބަބުންނެވެ. މިއީ އާދައިގެ ކަމެކެވެ.
މީގެއިތުރުން، އުމުރުން ދުވަސްވުމުން ހަނދާނުގައި ހުންނަ މައުލޫމާތު އަވަހަށް ނެގުމުގެ ދުވެލި ދަށްވެ އެވެ. އަދި ނިދި މަދުވުމާއި، ހާސްކަމާއި، މާޔޫސްވުން، ރަނގަޅު ކާނާ ނުލިބުން، ބައެއް ބޭސްތައް އަދި އަޑުއިވުމާއި ފެނުމުގެ މައްސަލަތަކުގެ ސަބަބުންވެސް ހަނދާނަށް ނޭދެވޭ އަސަރުކުރެ އެވެ.
ހަނދާންނެތުން ސީރިއަސްވަނީ ކޮން އިރަކު؟
ހަނދާންނެތުމަކީ ސީރިއަސް މައްސަލައެއްކަން ދެނެގަތުމަށް ޑރ. ވިނަޔާ ވަނީ މުހިންމު ތިން މިންގަނޑެއް ފާހަގަކުރައްވާފަ އެވެ. އެއީ އެކަން ދިމާވާ މިންވަރާއި، އެކަން ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ މިންވަރާއި އަދި ކަންކަން ދިމާވާ ހާލަތްތަކެވެ.
އެއް ސުވާލެއް ތަކުރާރުކޮށް ކުރަން ފެށުމާއި، ދާދިފަހުން ހިނގި މުހިންމު ކަންކަން ހަނދާންނެތުމާއި، ދުވަހުގެ އާންމު ދިރިއުޅުމުގެ ކަންކަމަށާއި ވަޒީފާއަށް އަދި އިޖުތިމާއީ ގުޅުންތަކަށް މިކަމުގެ ސަބަބުން ބުރޫއަރާނަމަ އެއީ ސަމާލުވާންޖެހޭ ސީރިއަސް ކަމެކެވެ.
"ހަނދާންނެތުމާއި، ހަނދާންކޮށްދިނުމުންވެސް ހަނދާނަށް ނައުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރޭ. ކާރު ޕާކުކުރި ތަން ހަނދާންނެތުނަސް، އައި މަގު ވިސްނާލުމުން ހަނދާންވާ މީހަކާއި، އެތައް އިޝާރާތެއް ކޮށްދިނުމުންވެސް އެއްވެސް ވަރަކަށް ހަނދާނަށް ނާންނަ މީހަކާ ވަރަށް ތަފާތު،" ޑރ. ވިނަޔާ ވިދާޅުވި އެވެ. މީގެއިތުރުން މީހެއްގެ ނަން ހަނދާންނެތުމަކީ އާދައިގެ ކަމަކަށް ވިޔަސް، އަބަދު ދެކެފަރިތަ މީހުން ވަކިކުރަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ އަލާމާތެކެވެ.
އެހެންކަމުން، އާދަޔާ ހިލާފަށް ހަނދާންނެތޭނަމަ އެއީ ހަމައެކަނި މުސްކުޅިވުމުގެ އަލާމާތެއް ކަމަށް ދެކި ދޫކޮށްނުލައި، އަދި މާބޮޑަށް ހާސްވެ ނުބައިކޮށް ނުވިސްނައި، ޑޮކްޓަރީ ލަފާ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ނޯޓު: މިއީ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. ސިއްހީ މައްސަލަތަކުގައި އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެއްބަސްވުމުގައި ސޮއިކޮށްފި
މަސްވެރިކަމުގެ ދާއިރާގެ އިގުތިސާދީ އުފެއްދުންތެރިކަން ދަށްވެއްޖެ
ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންނުކުރަން އިލްތިމާސެއް