ހަށިގަނޑުން ބަރުދަން ލުއިކުރުމަކީ ގިނަ ބަޔަކު ކުރާ އުނދަގޫ މަސައްކަތެކެވެ. ބަރުދަން ލުއިވާން ފެށުމުން ހަށިގަނޑަށް ލުއިކަން ލިބި، އަންނައުނު ހެޔޮވަރުވެ، ހަކަތަ އިތުރުވާކަން އިހުސާސް ކުރެވެ އެވެ. ނަމަވެސް، ހަށިގަނޑުން ގެއްލިގެން އެދާ ސަރުބީ ނުވަތަ ބަރުދަން ހަގީގަތުގައި ދަނީ ކޮންތާކަށްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ކާނާއާ ބެހޭ މާހިރުން (ޑައެޓީޝަނުން) ވަނީ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ތިލަކޮށްދީފަ އެވެ.

ކާނާއާ ބެހޭ މާހިރުން ހާމަކުރާ ގޮތުގައި، ހަށިގަނޑުން ސަރުބީ ވިރިގެން ދަނީއެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ސައިންޓިފިކް އަދި ކެމިކަލް މަރުހަލާތަކެއްގެ ތެރެއިން ހިނގާ ކަމެކެވެ. ހަށިގަނޑުގައި ސަރުބީ ރައްކާކުރަނީ "ޓްރައިގްލިސަރައިޑްސް" ގެ ގޮތުގަ އެވެ. ކަސްރަތު ކުރުމުންނާއި ހަށިގަނޑުގެ އާންމު ހަރަކާތްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް މި ސަރުބީތައް ބޭނުންކުރަން ފެށުމުން، އެ ސަރުބީތައް ކާބަން، ހައިޑްރޮޖަން އަދި އޮކްސިޖަންއަށް ބަދަލުވެ އެވެ. އަދި މި މާއްދާތައް ހަށިގަނޑުން ބޭރުވަނީ ދެ ގޮތަކަށެވެ. އެއީ ކާބަން ޑައިއޮކްސައިޑްގެ ގޮތުގައި ނޭވާލުމުގެ ތެރެއިންނާއި، ފެނުގެ ގޮތުގައި ދަލާއި ކުޑަކަމުދާ އެއްޗެހީގެ ޒަރީއާއިންނެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި، ގެއްލޭ ސަރުބީގެ އެންމެ ބޮޑު ބައެއް (ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި) ހަށިގަނޑުން ބޭރުވަނީ ނޭވާލުމުގެ ތެރޭގައި ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ ސިފައިގަ އެވެ. ބާކީވާ ބައި ބޭރުވަނީ ދަލާއި ކުޑަކަމުދާ ތަކެތީގެ ގޮތުގަ އެވެ. ނަމަވެސް މާގިނައިން ދާހިއްލުމަކީ ނުވަތަ އަވަސް އަވަހަށް ނޭވާލުމަކީ ސަރުބީ ވިރޭނެ ކަމެއް ނޫން ކަމަށާއި، ދާހިއްލުމުން ބޭރުވަނީ ހަމައެކަނި ފެން ކަމަށްވެސް މާހިރުން ބުނެ އެވެ. ބަރުދަން ލުއިވުމުން ސަރުބީ ސެލްތައް އެއްކޮށް ނެތިގެން ނުދިޔަ ނަމަވެސް، އެ ސެލްތަކުގެ އެތެރޭގައި ހުންނަ މާއްދާތައް ބޭރުވުމުން ސެލްތައް ކުދިވެ، ހަށިގަނޑު ހިކެ އެވެ.

ބަރުދަން ލުއިކުރުމުގެ ދަތުރު މޮނިޓާ ކުރުމަށްޓަކައި، ހަމައެކަނި ކިރާ ކައްޓާއަށް ބަރޯސާނުވެ، ހަށިގަނޑުގެ ބަދަލުތައް ފެންނަ ފޮޓޯ ނެގުމާއި، ހެދުން ހެޔޮވަރުވާ މިންވަރު ބެލުމާއި، އުނަގަނޑުގެ ވަށަމިން ބެލުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ބަރުދަން ލުއިކުރުމަށްޓަކައި މާހިރުން ދޭ ބައެއް އިރުޝާދުތަކުގެ ތެރޭގައި:

  • ކެއުމުގައި ޕްރޮޓީން އަދި ފައިބަރު އެކުލެވޭ ކާނާ ގިނަކުރުން (މިއީ މަސްތައް ރައްކާތެރިކޮށްދީ، ބަނޑުހައިވުން ކުޑަކޮށްދޭ ކަމެކެވެ).
  • ކޮންމެ ދުވަހަކުވެސް އެއް ވަގުތުތަކެއްގައި ކެއުމާއި ނިދުން ފަދަ ދުޅަހެޔޮ އާދަތައް އަށަގެންނެވުން.
  • މަސްތައް ވަރުގަދަކުރާ ކަސްރަތުތައް (ސްޓްރެންތް ޓްރެއިނިން) ކުރުން.
  • ހަރުކަށި ޑައެޓްތަކާ ދުރުހެލިވެ، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ދިރިއުޅުމުގެ ވައްޓަފާޅިއެއް ހިޔާރުކުރުން.

ކާނާއާ ބެހޭ މާހިރުން ފާހަގަކުރީ، ހަށިގަނޑުން ބަރުދަން ލުއިވާ ސައިންޓިފިކް ގޮތް ދެނެގަތުމަކީ ބަރުދަން ލުއިކުރުމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި، ހަގީގަތާ އެއްގޮތަށް ވިސްނުން ބަހައްޓައިގެން ދުޅަހެޔޮ އާދަތަކާއެކު ދިގު މުއްދަތުގެ ނަތީޖާއަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.