ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ މައި އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ "ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް" (ސާހް ގުރޫޕް) އާ ދެމެދުގަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި ސާހް ގުރޫޕްގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރު (ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް) އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވަނީ ސޮއިކުރައްވައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަބޫދާބީގެ ސާހް ގުރޫޕުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ، ޒަމާނީ ބަނދަރަކާ ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ޕޯޓު ޒޯނަކާއި، ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ލޮޖިސްޓިކްސް އާއި ޓޫރިޒަމް ހިމެނޭހެން ސަރަހައްދު ތަރައްގީ ކުރުމެވެ. އަދި ބައިނަލްއަގްވާމީ ދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކުން ރާއްޖެއަށް ނަފާ ހޯދުމަށް އޮތް އެންމެ އެކަށޭނެ ސަރަހައްދު ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ހަމައެއާއެކު މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގާގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.