މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން ވަކިކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި ޝިއުނާ ވަޒީފާއިން ވަކިކޮށްފައިވާކަން ޕެންޝަން އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ޝިއުނާ މަގާމުން ވަކިކުރީ އެ އޮފީހުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެގެންނެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށްފަހު، ޖަވާބުދާރީވުމަށް އޭނާއަށް ފުރުސަތު ވެސް ދިނުމަށްފަހުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

ޝިއުނާއަކީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ޝިއުނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިފަ އެވެ.

ހަމައެއާއެކު ޝިއުނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ސޯއަސް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފަ އެވެ. މީގެ އިތުރުން ޔުނިވަސިޓީ އޮފް ލަންޑަނުގެ ބާކްބެކް ކޮލެޖުން ސިޔާސީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ވެސް ވަނީ ފުރިހަމަކުރައްވާފަ އެވެ.