ފަރަންސޭސިވިލާތުގެ ސުޕަމާކެޓްތަކުގެ ފުރިޖުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބާ ހަމަލާތަކެއްގެ ފަހަތުގައި އީރާން ވާކަމަށް ތުހުމަތުކޮށް، އަންނަ ޑިސެމްބަރު މަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަމަށް ފަރަންސޭސި ހާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޯ ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށްދިޔަ އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބަރޯ ހޯމަ ދުވަހު ވިދާޅުވީ، މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި އެއްބަސްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"މި ނުރައްކާތެރި ސައިބާ ހަމަލާގެ މައިގަނޑު ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ގުޅޭ ހެކިތައް ހުށަހެޅުމަށާއި، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކާ ދެކޮޅަށް ޔޫރަޕްގެ ފިޔަވަޅުތައް އެޅުމަށް އެދި ހުށަހެޅުމަށް އަޅުގަނޑު މިއަދު ބްރަސަލްސް އަށް މި އައީ،" ބަރޯ ވިދާޅުވި އެވެ. އަދި އީޔޫގެ ގިނަ ގައުމުތަކެއްގެ ތާއީދު މިކަމަށް ލިބިފައިވާތީ އުފާކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފާއިތުވި އޮކްޓޫބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު ދިން މި ސައިބާ ހަމަލާތަކުގައި ފަރަންސޭސިވިލާތުގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފުރިޖުތަކާއި ކާތަކެތި ފިނިކުރާ ނިޒާމުތަކުގެ ފިނިހޫނުމިން ވަނީ މަތިކޮށްލާފަ އެވެ. މީގެ ސަބަބުން އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ކާބޯތަކެތި ބޭނުންނުކުރެވި، އެއްލައިލަން ވަނީ މަޖުބޫރުވެފަ އެވެ.

ފަރަންސޭސިވިލާތުން މިދިޔަ ހަފުތާގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ތާރީހުގައި ދިމާވި މިފަދަ އެންމެ ބޮޑު ސައިބާ ގެއްލުމުގެ ފަހަތުގައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) އެވެ. ނަމަވެސް ތެހެރާނުން ވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ދޮގުކޮށްފަ އެވެ.

މިފަދަ ހަމަލާތަކެއް ނޮވެމްބަރު މަހުގެ ކުރީކޮޅު ޔޫރަޕްގެ އިތުރު 11 ގައުމަކުން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.