ދައުލަތުން ދޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގެއް އޮތް އެއްޗެއްގެ ގޮތުގައި ހަމަޖައްސައި، އާއިލާގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.
މި ބިލު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން މެންބަރު ވިދާޅުވީ، ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެންޏެއް ކޮށްގެން އުޅުމާއި ދަރިން ތިބި މިންވަރަށް ޕޮއިންޓް ދޭއިރު، އެފަދަ ސްކީމްތަކަށް ކުރިމަތިލެވެނީ ދެމަފިރިންގެ ތެރެއިން އެންމެ މީހަކަށް ކަމަށެވެ. އަދި އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި މި ސްކީމްތައް ފަރުމާކޮށްފައި އޮތް ނަމަވެސް، ފްލެޓް ރަޖިސްޓްރީ ކުރެވެނީ އެކަމަށް އެދި ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވާތީ، ދެމަފިރިން ވަކިވުމުން އެ ފްލެޓަކީ ވަކި މީހެއްގެ އެއްޗަކަށްވެ މުޅި އާއިލާއަށް ނިކަމެތިކަން ލިބިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ވަރިވުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލެއް އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ވަކި ސާފު ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައި ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެންކަމުން، އެ މާއްދާއަށް އިސްލާހު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދު ހާސިލުކުރުމަށް މި ބިލުން މަގުފަހިވެގެންދާނެ އެވެ.
މި ބިލުގައިވާ ގޮތުން ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ތަނެއް ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް، އެއީ އެ އާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބަލަންވާނެ އެވެ. އަދި ކައިވެންޏަށް ލިބިފައިވާ ދަރިންނާއި، ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ނޫން އަނެއް ފަރާތަށްވެސް އެ ތަނެއްގެ މައްޗަށް ހަމަހަމަ ހައްގު ލިބިގެންވެ އެވެ.
މީގެ އިތުރުން ކޯޓުގައި ރަޖިސްޓްރީވެ ދެމަފިރިންގެ މެދުގައި ހައްގު ދޫކޮށްލުމަށް ހަދާފައިވާ އެއްބަސްވުމަކުން ނުވަތަ ކޯޓު އަމުރަކުން މެނުވީ މި އުސޫލާ ހިލާފަށް އަމަލުކުރެވިގެންނުވާނެ ކަމަށާއި، ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ފްލެޓާއި ބިން އަދި އެ ނޫންވެސް މުދަލާ މެދު ޝަރީއަތުން ވަކި ގޮތެއް ނިންމާފައި ނުވާނަމަ އެއީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވިގެންވާ މުދާ ކަމުގައި ބަލަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ލިބިފައިވާ ތަން ރަޖިސްޓްރީކުރާ ހާލަތްތަކުގައި ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހާއަށް އިސްކަންދޭން ވާނެ ކަމަށްވެސް އެ ބިލުގައި ވެ އެވެ.
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި
ހިންގުމުގެ ހަރަދުތައް އުފުލި، ބަޖެޓް ޑެފިސިޓް 3.8 ބިލިއަން ރުފިޔާ
ހަތަރު ވަރިއަށް ސަޕޯޓަރަކު ޖޯކް ޖެހުމުން ޖެނިފާ ލޮޕޭޒް އައީ ހިނި