މި އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށް ކުރިއެރުމެއް އައި ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދުތައް އެއަށްވުރެ ދެގުނަ ބާރުމިނެއްގައި މައްޗަށް ދިއުމާ ގުޅިގެން، ދައުލަތުގެ ބަޖެޓް ޑެފިސިޓް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނައަށް ބޮޑުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ޑެފިސިޓް ވަނީ 3.83 ބިލިއަން (3,825.5 މިލިއަން) ރުފިޔާއަށް އަރާފަ އެވެ. މިއީ ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 1.31 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.9 ގުނައިގެ ބޮޑުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ހިލޭ އެހީއާއެކު ދައުލަތަށް ޖުމްލަ 35.99 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 8 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް، އެ މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ޚަރަދު ވަނީ 14.9 ޕަސެންޓް އިތުރުވެ، 39.81 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މާލީ ހިސާބުތަކަށް ބަލާއިރު ޑެފިސިޓް ފުޅާވެފައިވަނީ އާމްދަނީ ދަށްވެގެން ނޫންކަން ސާފުވެ އެވެ. ސަބަބަކީ ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް 27.39 ބިލިއަން ރުފިޔާ ލިބިފައިވުމެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު 9.61 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްކި ޑިވިޑެންޑްވެސް ވަނީ 655 މިލިއަން ރުފިޔާއިން 1.06 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެހެންކަމުން މުޅި އަހަރަށް އަންދާޒާކުރި އާމްދަނީގެ 89.1 ޕަސެންޓް މިހާތަނަށް ވަނީ ދައުލަތަށް ލިބިފަ އެވެ.
އާމްދަނީ ރަނގަޅުވި ނަމަވެސް ޑެފިސިޓް އިންތިހާއަށް ބޮޑުވީ ދައުލަތް ހިންގުމުގެ ރިކަރަންޓް ހަރަދުތައް ކޮންޓްރޯލުން ނެއްޓުމާ ގުޅިގެންނެވެ. ހިސާބުތައް ދައްކާގޮތުން ހަރަދުގެ 86 ޕަސެންޓް ނުވަތަ 34.34 ބިލިއަން ރުފިޔާ ހޭދަވެފައިވަނީ ހިންގުމުގެ ހަރަދަށެވެ. އެންމެ ބޮޑު އުފުލުމެއް ފެނިފައިވަނީ ސަބްސިޑީގެ ބައިންނެވެ. ސަބްސިޑީއަށް ކުރި ހަރަދު 51.2 ޕަސެންޓް އިތުރުވެ، 4.59 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެއިތުރުން އިދާރީ އަދި ހިންގުމުގެ އެހެނިހެން ހަރަދުތައް 18.4 ޕަސެންޓް އިތުރުވެ 20.86 ބިލިއަން ރުފިޔާއަށް އެރިއިރު، މުސާރައާއި ޕެންޝަނަށް ކުރި ހޭދަ ވަނީ 10.7 ޕަސެންޓް އިތުރުވެ 13.40 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ހިންގުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވި ނަމަވެސް، ގައުމުގެ ތަރައްގީއާ ގުޅުންހުރި ކެޕިޓަލް ހަރަދުތައް ވަނީ މަދުކޮށްފަ އެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކާއި ކެޕިޓަލް ކަންކަމަށް ހޭދަކުރެވުނީ އެންމެ 5.47 ބިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުގައި މި ބަޔަށް ކަނޑައެޅި 9.28 ބިލިއަން ރުފިޔާގެ އެންމެ 59 ޕަސެންޓެވެ. އަދި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ހަރަދުތައް ވޭތުވެދިޔަ އަހަރަށްވުރެ 23 ޕަސެންޓް ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.
ދަރަންޏަށް ދައްކަންޖެހޭ އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސް މިދިޔަ އަހަރުގެ މި މުއްދަތުގައި 2.98 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި އޮތް ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 87.9 ޕަސެންޓް ދަށްވެ، 360 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މީގެއިތުރުން އިންޓްރެސްޓާއި ފައިނޭންސިން ޚަރަދުގެ ގޮތުގައި 4.19 ބިލިއަން ރުފިޔާ ހޭދަވުމަކީ ޑެފިސިޓް މިހާ ބޮޑަށް ފުޅާވި މައިގަނޑު އެއް ސަބަބެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ޖުމްލަ ބަޖެޓް ޑެފިސިޓަކީ 8.84 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ފެންނަ އަދަދުތައް އެ މިންވަރަށް ވުރެ ދަށުގައި އޮތް ނަމަވެސް، އަހަރުގެ ފަހުކޮޅުގެ ހަފުތާތަކަކީ އާންމުކޮށް ދައުލަތުގެ ބިލްތައް ދެއްކުމާއި އެކި ހަރަދުތައް ވަރަށް ބޮޑަށް މައްޗަށްދާ ދުވަސްވަރަކަށް ވާތީ، ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ ކަމަށް މާލީ މާހިރުން ލަފާކުރެ އެވެ.
ޕީއެންސީގެ އިހުތިރާމު އޮންނާނީ ބާރު އޮތްހާ ދުވަހަކު: ޒިޔާދު