ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ (ޖީއެސްޓީ) ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.

މި ދެ ބިލުވެސް ފާސްކޮށްފައިވަނީ ސަބް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށްފަހު ތަޅުމަށް ހުށަހަޅައިގެންނެވެ.

ތަޅުމުގައި ނެގުނު ވޯޓުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ތިން އިސްލާހެއް ހުށަހެޅި ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތުން އެ އިސްލާހުތައް ވަނީ ބޭރުކޮށްލާފަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި ޓެކްސް ދައްކާ ފަރާތްތަކުން އުނިކުރާ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކުރުމެވެ. މި ބިލުގައިވާ ގޮތުން އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް-އެބިޓްޑާގެ 25 އިންސައްތަ އެވެ. މީގެއިތުރުން ގާނޫނުގައި މިހާރު ހުރި ބައެއް މާއްދާތައް އުނިކުރުމަށްވެސް ވަނީ ނިންމާފަ އެވެ. 1 ޖެނުއަރީ 2027 ގައި ޢަމަލުކުރަން ފަށާ މި އިސްލާހުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުގައި 496،300،302 (ހަތަރުސަތޭކަ ފަންސާސްނުވަ މިލިއަން ތިންލައްކަ ތިންސަތޭކަ ދޭއް) ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޖީއެސްޓީ ޤާނޫނަށް އިސްލާހު ގެނައުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުގެ މައިގަނޑު އަމާޒަކީ ޓެކުހަށް މަކަރުހެދުން ހުއްޓުވައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އަދި ގާވައިދުން ޓެކްސް ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިތުރުން، ވިޔަފާރިތަކަށް މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމާއި، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލައި ގައުމުގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުން މި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.