ހެނދުނުގެ ކޮފީ ބޮއެ ނުނިމެނީސް އަލުން ނިދި އަންނަ ގޮތް ވާނަމަ، އެއީ ހަށިގަނޑުގެ ސިއްހީ ހާލަތު ދަށްވަމުންދާ ކަމުގެ އިންޒާރަކަށް ވެދާނެ ކަމަށް 19 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އާ ދިރާސާއަކުން ދައްކައިފި އެވެ.
މަޝްހޫރު ސައިންސް މަޖައްލާއެއް ކަމަށްވާ "ސައިންސް ޑެއިލީ" އިން ރިޕޯޓްކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ މާސް ޖެނެރަލް ބްރިގަމް އަދި ރަޝް ޔުނިވާސިޓީ މެޑިކަލް ސެންޓަރުގެ ސައިންސްވެރިން ގުޅިގެންނެވެ. ޖާމާ ނެޓްވޯކް އޯޕަންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، އެވްރެޖްކޮށް އުމުރުން 81 އަހަރުގެ 1,338 ދުވަސްވީ މީހުން 19 އަހަރު ވަންދެން މޮނިޓާ ކޮށްފައިވެ އެވެ. މި މީހުންގެ ނިދުމުގެ ވައްޓަފާޅި ބަލާފައިވަނީ އަތުގައި އަޅާ ހާއްސަ ޑިވައިސްތަކެއް މެދުވެރިކޮށެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، އާދަވެގެން ހެނދުނު ނިދާ މީހުންގެ މަރުވުމުގެ ނުރައްކާ، މެންދުރުފަހު ނިދާ މީހުންނާ އަޅާބަލާއިރު 30 އިންސައްތަ އިތުރެވެ. މީގެއިތުރުން ދުވާލު ނިދާ ކޮންމެ އިތުރު ގަޑިއަކަށް މަރުވުމުގެ ނުރައްކާ 13 އިންސައްތަ އިތުރުވާއިރު، ދުވާލަކު އިތުރަށް ނިދާ ކޮންމެ ފަހަރަކަށް އެ ނުރައްކާ 7 އިންސައްތައަށް އިތުރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި ދިރާސާގެ އިސް މުސައްނިފު އަދި މާސް ޖެނެރަލް ބްރިގަމްގެ ރިސާޗަރު ޑރ. ޗެންލޫ ގާއޯ ވިދާޅުވި ގޮތުގައި، ދުވާލު މާގިނައިން ނިދުމަކީ ހަށިގަނޑުގައި ސީރިއަސް ބައްޔެއް ނުވަތަ ދާއިމީ ބައްޔެއް އުޅޭކަމުގެ އަލާމާތަކަށް ވެދާނެ އެވެ. އަދި އެއީ ރޭގަނޑުގެ ނިދި ހަމަނުވުން ނުވަތަ ހަށިގަނޑުގެ ގުދުރަތީ ގަޑި އޮޅުންބޮޅުންވެފައިވާ ކަމުގެ ނިޝާނެކެވެ. އެހެންކަމުން މިއީ ސީދާ މައްސަލައަކަށް ވުރެ ބޮޑަށް، އެތެރެހަށީގެ އެހެން ބައްޔެއްގެ އަލާމާތެކެވެ.
ނަމަވެސް، މިއީ މެންދުރުފަހު ކުޑަކޮށް ނިދާލުން އެއްކޮށް ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ. ޑރ. ގާއޯ ހާމަކުރެއްވި ގޮތުގައި ދުވާލަކު އެއްގަޑިއިރަށްވުރެ ކުރުކޮށް ނިދާލުމަކީ އެއްވެސް ސިއްހީ ނުރައްކަލެއް ހުރި ކަމެއް ނޫނެވެ.
ދިރާސާގައި ބައިވެރިވި ރަޝް ޔުނިވާސިޓީގެ ޕްރޮފެސަރު އަރޮން ބުކްމަން ވިދާޅުވީ، ކަންބޮޑުވާންޖެހެނީ އާދަޔާ ހިލާފަށް ގިނައިން ނިދުމާއި ހެނދުނު ގަޑީގައި ނިދި އަންނަ އައުމާ މެދުގަ އެވެ.
މި ދިރާސާއަކީ މައިގަނޑު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ހަދާފައިވާ ދިރާސާއަކަށް ވުމުން، ޒުވާނުންނަށް މީގެ ނަތީޖާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ރޭގަނޑު ރަނގަޅަށް ނިދި ލިބޭއިރުވެސް އާދަޔާ ހިލާފަށް ވަރުބަލިވެ ދުވާލު ނިދި އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.
އެމެރިކާއިން އީރާނުގެ މިސައިލް ލޯންޗުކުރާ ސައިޓަކަށް ހަމަލާދީފި
ފްލެޓަކީ ދެމަފިރިންގެ ހަމަހަމަ ހައްގަކަށް ހަދަން ބިލެއް
ފުރިޖުތަކަށް ދިން ސައިބާ ހަމަލާއާ ގުޅިގެން އީރާނަށް ފިޔަވަޅު