މިއަދު ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު އެއް ތަރިއަކީ އަމީތާބް ބައްޗަން ކަމުގައި ވިޔަސް، އޭނާގެ ހަޔާތުގައި ވެސް މާލީ ގޮތުން ނުހަނު ދަތި އުނދަގޫ ދުވަސްތަކެއް ވަނީ ވޭތުކޮށްފަ އެވެ. އެގޮތުން 1990 ގެ އަހަރުތަކުގެ ފަހުކޮޅު އަމީތާބްގެ ކުންފުނި "އޭބީސީއެލް" ބަނގުރޫޓުވެ، ދިރިއުޅުމުގެ އެންމެ ކުދިކުދި ކަންކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރި ދުވަސްވަރުގެ ވާހަކަ އޭނާގެ ދަރިފުޅު އަދި އެކްޓަރު އަބީޝެކް ބައްޗަން ވަނީ އަލުން ހިއްސާކޮށްފަ އެވެ.
ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އަބީޝެކް ބުނީ، އޭނާ އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދުވަސްވަރު، ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުމާ ގުޅިގެން ކިޔެވުން ދޫކޮށްލުމަށްފަހު އެނބުރި އިންޑިއާއަށް ދާން ނިންމި ކަމަށެވެ. އެގޮތަށް ނިންމީ ބައްޕައަށް ދިމާވި އެ ދަތި ހާލަތުގައި އެހީތެރިވުމުގެ ގޮތުން ދަރިއެއްގެ ހައިސިއްޔަތުން ބައްޕަގެ ކައިރީގައި ހުރުމަށް ބޭނުންވުމުންނެވެ.
އިންޑިއާއަށް އެނބުރި ގޮސް، އަބީޝެކް ފިލްމީ ދާއިރާގައި މަސައްކަތް ފެށީ ޕްރޮޑަކްޝަން އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރަމުން އަބީޝެކް ކިޔައިދިން ގޮތުގައި، ސެޓުގައި މަސައްކަތްކުރާ މީހުންނަށް ސައި ހެދުމުގެ މަސައްކަތް ވެސް އޭނާ ކުރި އެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ސަޔަށް އަޅާ ހަކުރުގެ މިންވަރު މަދުކުރުމަށް އޭރު އޭނާއަށް އޮތީ އަންގާފަ އެވެ. ސަބަބަކީ ހަކުރަށް ކުރާ ހަރަދު ވެސް ބޮޑުވެގެން ދިޔުމެވެ.
އަމީތާބް ބައްޗަން 1990 ގެ އަހަރުތަކުގައި ފެށި "އަމީތާބް ބައްޗަން ކޯޕަރޭޝަން ލިމިޓެޑް" (އޭބީސީއެލް) ބަނގުރޫޓުވުމާ ގުޅިގެން ގާތްގަނޑަކަށް 90 ކްރޯޑް ރުޕީސްގެ ދަރަންޏަކާ ކުރިމަތިލާން ޖެހުނެވެ. އަދި އޭނާގެ ގެއާއި މުދާތައް ވެސް ދައުލަތަށް ނެގުމުގެ ބިރު އޮތެވެ. ނަމަވެސް، ޑައިރެކްޓަރު ޔަޝް ޗޯޕްރާގެ ފަރާތުން "މޮހައްބަތައިން" ފިލްމުން ލިބުނު ފުރުސަތާއި، ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ" ގެ ކާމިޔާބީއާ އެކު އަމީތާބް ވަނީ އަލުން ތެދުވެ، އެ ހުރިހާ ދަރަންޏެއް ދައްކައި ހަލާސްކޮށްފަ އެވެ.
އެމެރިކާއަށް ބޮންއަޅަން އުޅޭ ވާހަކަތައް އީރާނުން ދޮގުކޮށްފި
ޕީއެންސީގެ އިހުތިރާމު އޮންނާނީ ބާރު އޮތްހާ ދުވަހަކު: ޒިޔާދު