ރަސްމާލެ ވިއްކާލުމަށް ރައީސް މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އަދާލަތު ޕާޓީން އެއްބަސްވުމުން އެކަން ކުށްވެރިކުރައްވައި، އާންމު މެންބަރުން ވީ އެންމެ އަވަހަކަށް ޕާޓީން ވަކިވުމަށް އެ ޕާޓީގެ ފުރަތަމަ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ގޮވާލައްވައިފި އެވެ.
ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ހުސައިން ރަޝީދު ވިދާޅުވީ، ދިވެހި ގައުމު ޣައިރު މުސްލިމުންނަށް ވިއްކާލުމަށް ރައީސް މުއިއްޒު ހިންގަވާ ނޭއްގާނި އަމަލާ އަދާލަތު ޕާޓީން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ޕާޓީ އުފެއްދި ބާނީއެއްގެ ހައިސިއްޔަތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ގައުމު ޣައިރު މުސްލިމުންނަށް އާދެ، ރަސްމާލެ، ވިއްކާލަން އަދާލަތުން ރައީސް މުއިއްޒުގެ ނޭއްގާނި އަމަލާ އެއްބަސްވީތީ އަދާލަތު ޕާޓީ އުފެއްދި އެޕާޓީގެ ބާނީގެ ގޮތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާލަތުގެ މިހާރުގެ ވެރިން ކުށްވެރި ކުރަމެވެ،" ހުސައިން ރަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ދީނާއި ގައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ޕާޓީގެ ވެރިންގެ "ހިޔާނާތާއި ނިކަމެތިކަމުގައި" ބައިވެރިނުވެ އަވަހަށް ޕާޓީ ދޫކޮށްލުމަށް އޭނާ ވަނީ ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު އޭޕީގެ މެންބަރުންގެ އަރިހުން އެދެނީ މިބޭފުޅުން އެކިޔާ ދީނާއި ގައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ އެނިކަމެތި ކަމާއި ހިޔާނާތުގައި ބައިވެރިވެ ވަޑައި ނުގެން އަވަހަށް ޕާޓީ ދޫކޮށްލެއްވުމެވެ. ނޫންނަމަ ގައުމަށް ލިބޭ ދެރެއެއްގައި ތިބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީއާއެކު އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމެއް ހެދީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ޕާޓީން ވަނީ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ މަސައްކަތް ފަށަން ވެސް ނިންމާފަ އެވެ.
އަދާލަތު ޕާޓީން އެ ނިންމުން ނިންމީ އެ ޕާޓީ ހިންގުމަށް ބޭނުންވާ ފައިސާ ރައީސް މުއިއްޒު ހަމަޖައްސަވައިދެއްވަމުން އަންނަތާ ދުވަސްތަނެއް ފަހުންނެވެ.
ސުޕްރީމް ކޯޓުން ހުސްވާ މަގާމަށް ސަމީރު އައްޔަންކުރަނީ
ވެރިކަމަށް 3 އަހަރުވިއިރު އޮތީ ފުނިޖެހިފައިވާ މާޔޫސްކަން!
