ބޮލީވިޑްގެ މަޝްހޫރު ތަރި ސަލްމާން ހާން، އޭނާގެ ކުރިއަށް އޮތް ފިލްމު "މާތުރުބޫމީ"ގެ ކާސްޓުންނާއި ފަންނާނުންނަށް އަގުބޮޑު ގަޑިތަކެއް ހަދިޔާ ކޮށްފި އެވެ.

ޕަންވެލްގައި ހުންނަ އޭނާގެ ފާމްހައުސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި އަގުބޮޑު ހަދިޔާތައް ދީފައިވަނީ ފިލްމުގެ މަސައްކަތުގައި ބައިވެރިވި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މި ހަފުލާއަށް ފިލްމުގެ ޓީމު ދައުވަތު ލިބިގެން ދިޔައީ ފިލްމުގެ ޕްރޮމޯޝަނަލް ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކަމަށް އެމީހުންނަށް ލަފާ ދެވިފައި އޮތް ނަމަވެސް، އެއީ ހަގީގަތުގައި ބޮޑު ސަޕްރައިޒް ޕާޓީ އެކެވެ. ފިލްމުގެ ޓްރެއިލާ ނެރުމާ ގުޅިގެން ބޭއްވި މި ބައްދަލުވުމުގައި 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ލަގްޒަރީ ގަޑި ވަނީ ބަހާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ގަޑިތަކުގެ އަގު ދެ ލައްކައިން ފެށިގެން ހަ ލައްކަ އިންޑިއަން ރުޕީސްއާ ދެމެދުގެ އަދަދަކަށް އަރަ އެވެ.

މަޝްހޫރު 'ކަޕޫރް ވޮޗް ކުންފުނި' މެދުވެރިކޮށް ހޯދާފައިވާ މި ގަޑިތަކަކީ ފިލްމުގެ ޓީމުގެ އަންހެން އަދި ފިރިހެން ކްރޫއިންނަށް ވަކިން ހާއްސަ ކޮށްގެން އިހްތިޔާރު ކޮށްފައިވާ މަތީ ފަންތީގެ ބްރޭންޑް ތަކެކެވެ.

އެގޮތުން ފިލްމުގެ ފިރިހެން ކާސްޓުންނާއި ކުރޫއިންނަށް "ލޮންޖިންސް އަދި "ޓެގް ހެއާ" ބްރޭންޑްގެ ގަޑި ދީފައިވާއިރު، އަންހެން ބޭފުޅުންނަށް ދީފައިވަނީ "ރާޑޯ" ބްރޭންޑްގެ ގަޑިތަކެކެވެ.

ސަލްމާން އަމިއްލައަށް މި ހަދިޔާތައް ކޮންމެ މީހަކާ ހަވާލުކުރީ ފިލްމުގެ ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް ސާބިތުކަމާއެކު ތިބީތީ އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުންނެވެ.

މި ހަފުލާގައި ފިލްމުގެ ޑައިރެކްޓަރު އަޕޫރުވާ ލަކިއާގެ އިތުރުން ފިލްމުގެ ތަރިން ކަމަށްވާ ޗިތުރަންގާ ސިންގް، އަންކުރު ޖަޓޭ، ވިޕިން ބާރަދްވާޖް އަދި ޓާނިއާ ޓޭސޭ ފަދަ ތަރިން ވަނީ ބައިވެރިވެފަ އެވެ.

އެކި ސަބަބުތަކާހުރެ އުފެއްދުމުގެ މަރުހަލާގައި ގިނަ ދުވަސްތަކެއް ނަގާފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ ޑިސެމްބަރު 4، 2026 ގަ

އެވެ. މިއީ މިއަހަރު ސަލްމާން ޚާންގެ ފުރަތަމަ ފިލްމު ސިނަމާތަކަށް އަންނަ ފަހަރު ކަމަށްވާތީ، މިއީ ފިލްމީ ދާއިރާގައާއި ސަލްމާންގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު އިންތިޒާރެއް ކުރެވެމުންދާ ފިލްމެކެވެ.