މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކަކީ ކާމިޔާބު ތިން އަހަރުގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، އައްޑޫ ސިޓީގެ ތަރައްގީއަށް ވެފައިވާ ވައުދުތައް ނުފުއްދި ހުއްޓިފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ މަޝްރޫއުތައް ހިމަނާފައި ނެތް ކަމަށް ވިދާޅުވެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ސޯދިގު ވިދާޅުވީ، ވޭތުވެދިޔަ ތިން ބަޖެޓުން ވެސް ފުރިހަމަނުވެ ހުރި ކަންކަން އަންނަ އަހަރުގެ ބަޖެޓު ފޮތުން ވެސް ފެންނަން ނެތުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސާވޭކޮށް ނިންމި އައްޑޫ ބްރިޖުގެ މަސައްކަތް ހުއްޓިފައި ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި އެ ބްރިޖުގެ ވާހަކަ ހިމަނާފައި ވެސް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު އުވައިލި ފެނަކަ ކޯޕަރޭޝަނުން ކުރިން ދެމުންއައި އައްޑޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އެމްޑަބްލިއުއެސްސީއާ އަދި ކަރަންޓުގެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރި ނަމަވެސް، ފެނާއި ކަރަންޓު ކެނޑޭ މައްސަލައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށް ސޯދިގު ވިދާޅުވި އެވެ. އަދި އިއްޔެއާއި މިއަދު ވެސް ފެން ކެނޑިގެން ރައްޔިތުން ފެނަށް ޖެހިފައި ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން 2026 ވަނަ އަހަރަށް "ބޯހިޔާވަހިކަމުގެ ބަޖެޓު" ގެ ނަމުގައި ފާސްކުރި 1.6 ބިލިއަން ރުފިޔާއިން އަހަރު ނިމެންދާއިރު ހަރަދުކުރެވުނީ 600 މިލިއަން ރުފިޔާ ކަމަށް ސޯދިގު ވިދާޅުވި އެވެ. އަދި ހިތަދޫގައި އަޅަން ކަނޑައެޅި 200 ފްލެޓުގެ 10 ބުރީގެ އިމާރާތްތައް ޓިނު ފެންސަށްވުރެ މައްޗަށް އުފުލިފައި ނުވާއިރު، 2027 ގެ ބަޖެޓުގައި އެ ފްލެޓުތަކުގެ ވާހަކަ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު ހިތަދޫ އިސްލާމީ މަރުކަޒާއި، ޖަސްޓިސް ބިލްޑިންގާއި، އިމިގްރޭޝަން ބިލްޑިންގުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލް އިންތިހާބާ ދިމާކޮށް ބިންގާ އެޅި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައިވާއިރު، ލައިބްރަރީއަށް އެޅި ބިންގާ ވެސް ވީތަނެއް ނޭނގޭ ކަމަށް ސޯދިގު ވިދާޅުވި އެވެ. އަދި ހިތަދޫ ބަނދަރާއި ހުޅުދޫ މިފްކޯ ބަނދަރުގެ މަސައްކަތް ވެސް އޮތީ ހުއްޓިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ސޯދިގު ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އާރްޑީސީއާ ހަވާލުކުރި ލިންކު ރޯޑު ހެދުމުގެ މަސައްކަތް ނުފެށި އުޅެނިކޮށް އެ ކުންފުނި އުވައިލާފައި ވާއިރު، މިހާރު ފެންނަނީ ޕަބްލިކް ވޯކްސްއިން ދެއިރު ދެދަޅައަށް ފަކީރާ ހިފައިގެން ނުކުމެ މަގުގެ ވަޅުގަނޑުތަކަށް ވެލި އަޅާ މަންޒަރެވެ. އަދި ރިސޯޓު ހަދަން ހިއްކި ބިމާއި ރަށްތައް ކައުންސިލްގެ އިހްތިސޯސުން ސަރުކާރުން ވަކިކުރި ނަމަވެސް، އޭގެއިން އެއްވެސް ތަނެއްގައި ހޮޓަލެއް އެޅިފައި ނުވާ ކަމަށާއި އައްޑޫގައި ކުރިން ހިންގި ތިން ރިސޯޓުން މިހާރު ހިންގަނީ އެންމެ ރިސޯޓެއް ކަމަށް ވިދާޅުވެ އައްޑޫގެ އިގުތިސާދީ ހާލަތާ މެދު ސޯދިގު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މީގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިނަކުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، ޓާމިނަލަށް ބޭނުންވާ މެޝިނަރީއާއި އާ ޓާމިނަލާއި ބާ ޓާމިނަލް ގުޅުވައިލުމުގެ ހަރަދު ބަޖެޓުގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ކަރަންޓު ދޭނެ ޓްރާންސްފޯމަރެއް ނެތިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހިދުމަތްތައް އެއް ހޯލެއްގައި ވަގުތީ ގޮތުން ދޭން ޖެހިފައިވާކަން އޭނާ ވިދާޅުވި އެވެ.

މިކަންކަން ފާހަގަކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރަށް ސޯދިގު ވަނީ ފަސް ސުވާލެއް ކުރައްވައިފަ އެވެ. އެ ސުވާލުތަކަކީ:

  • 8.2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ކަނޑައެޅި މިންވަރާއި ކަންކަން އުނިކުރި ސަބަބު.
  • ލިންކް ރޯޑު ފުޅާކުރުމާއި މަގުހެދުމަށް ޒޯނަށް ކަނޑައެޅި ކަމަށް ބުނާ ބަޖެޓުގެ ތަފްސީލު.
  • ގަން އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ އަދަދާއި އެ ފައިސާ 2027 ގެ ބަޖެޓުގައި ހިމެނޭތޯ.
  • ބަޖެޓަށް ބޭނުންވާ 18.9 ބިލިއަން ރުފިޔާގެ ފައިނޭންސް އެތެރެއާއި ބޭރުން ހޯދާނީ ކޮން އިދާރާތަކަކުންކަން.
  • ކައުންސިލްތަކުގެ މުސާރައާއި އެލަވަންސް ބޮޑުވެފައިވާއިރު، ބްލޮކް ގްރާންޓު އަދިވެސް އޮތީ 5 އިންސައްތައިގައި ކަމަށްވާތީ، ކޮންޓިންޖެންސީ ބަޖެޓުން 10 އިންސައްތަ ކަނޑައަޅާނެތޯ.

ސޯދިގު ވިދާޅުވީ މި ފަސް ސުވާލަށް ލިޔުމުން ޖަވާބު ލިބިއްޖެނަމަ، ބަޖެޓަށް ވޯޓު ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ވަޑައިގެންފާނެ ކަމަށެވެ.