ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުތައް ރަސްމާލެ ބިން ހިއްކުމަށް ހޭދަކުރުމަށްފަހު، އެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުވާނަމަ އެކަމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތާ ގުޅޭނެ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ފަސް ޔޫނިއަނަކުން ބުނެފި އެވެ.

ހުޅުމާލެ ފޭސް-3 ޔޫނިއަން، ފަހި ޔޫނިއަން، އުތުރުތިލަފަޅު ޔޫނިއަން، ގިރާވަރުފަޅު ޔޫނިއަން އަދި ގުޅީފަޅު ޔޫނިއަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޔޫނިއަންތަކުން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޔޫނިއަންތަކުން ތުހުމަތުކުރާ ގޮތުގައި، ކުރީ ސަރުކާރުން ދެ ލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފެށި މަޝްރޫއުތައް ހުއްޓާލުމަށްފަހު، ދައުލަތުގެ ހުރިހާ ޑޮލަރެއް ރަސްމާލެއަށް ހޭދަކުރުމުގެ ސަބަބުން އަސާސީ ހިދުމަތްތަކަށް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން 58،000 އަށްވުރެ ގިނަ އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ރަސްމާލޭގެ ބިމުން ބޮޑު ބައެއް، ބޭރު މީހުން ވަޒަންވެރިކުރުވުމަށް ޔޫއޭއީގެ "އީގަލް ހިލްސް" އަށް ދޫކޮށްލަން އުޅޭ ކަމަށް ޔޫނިއަންތަކުން ތުހުމަތުކުރެ އެވެ. އަދި އެކަމަށް މަގުފަހިވާ އެއްވެސް ގާނޫނެއް ފާސްނުކުރުމަށް މަޖިލިސް މެންބަރުންނަށް ވަނީ ގޮވާލާފަ އެވެ.

ހަމައެއާއެކު ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދުމުގެ ބަދަލުގައި ދައުލަތުގެ ރިޒާވުން ޑޮލަރު ހޭދަކުރުމުގެ ސަބަބުން، ޑޮލަރުގެ އަގު އުފުލި ކާބޯތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށް ޔޫނިއަންތަކުން ބުންޏެވެ. މީގެ ސަބަބުން ބޭރުގައި ކިޔަވާ ދަރިވަރުންނާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުން ދަރަނިވެރިވަމުންދާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ޑޮލަރުގެ ދަތިކަމާ ހެދި އާސަންދައިގެ ދަށުން ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ނުދެއްކި، ދިވެހިންނަށް ދެމުންދިޔަ ބޭސްފަރުވާގެ ހިދުމަތްތައް މެދުކަނޑާލަން ޖެހުނު ސަބަބަކީ ވެސް ރަސްމާލެއަށް ކުރި ހޭދަ ކަމަށް އެ ޔޫނިއަންތަކުން ބުންޏެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ދިނުމަށް ހިއްކާފައި އޮތް ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކުރުވަން ސަރުކާރުން ނިންމައިފިނަމަ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ހަރަކާތާއި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ޔޫނިއަންތަކުން ބުނެފައިވެ އެވެ. އަދި މި ނިންމުމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.