ހުޅުމާލޭގެ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމަށް ކުލި ނުދައްކާތީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެތަން ހުސްކުރަން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކޮށްފި އެވެ.

ރިވެލި ރެސްޓޯރެންޓްގެ ބިމާ ގުޅޭގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ސިޓީއަކުން އަންގާފައިވަނީ މިދިޔަ މަހު އެވެ.

އެ މައްސަލަ ސޮލާރިސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު ވަގުތީ އަމުރަކަށް އެދުމުން, އެ ކޯޓުން ކުރިން އަންގާފައިވަނީ އެ މައްސަލަ ނިމެންދެން އެތަން ހުސްކުރަން އެއްވެސް ކަމެއް ނުކުރުމަށެވެ.

ނަމަވެސް އެ އަމުރު މުރާޖައާ ކުރަން އެޗްޑީސީން އެދުމުން ސިވިލް ކޯޓުން މިއަދު ވަނީ އަމުރު ބާތިލުކޮށްފަ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ކުލި ނުދައްކާ ގިނަ ދުވަސްތަކެއް ވެފައި ވާތީ، ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދީ، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރެއިން ކަމަށެވެ.