މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނެގުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް މިއަހަރު ގެނައި އިސްލާހެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނެގި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ސަރުކާރުގެ ނިންމުން ގާނޫނާ ހިލާފް ކަމަށް ބުނެ އަދި މައްސަލަ ނިމެންދެން އެތަން އަތުލުން ހުއްޓުވުމަށް އެދި އެވެ.

ސިވިލް ކޯޓުގެ ގާޒީ ހަފީޒާ އަބްދުއްސައްތާރު މިއަދު ނިންމި ނިންމުމުގައި ވަނީ މާލޭ ސިޓީ ކައުންސިލުން އެދިފައިވަނީ ދައުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް ކަމަށް ވާއިރު, އެފަދަ އަމުރެއް ނެރެވޭނީ ކޮންމެހެން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެފަދަ ކަމެއް އެ މައްސަލާގައި ފުރިހަމަވާކަން އެނގެން ނެތުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމިއިރު, ސަރުކާރަށް ނަގަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި އާޓިފިޝަލް ބީޗާއި ރަސްފަންނާއި ސަލްޓަންޕާކާއި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓްގެ އިތުރުން ކާނިވާ ސަރަހައްދު ފަދަ މުހިންމު ތަންތަން ވެސް ހިމެނެ އެވެ.