ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި މުޅި އުމުރަށް ދީގެން ހިންގަން އުޅޭ މަޝްރޫއާއި އެފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން މުހިންމު ތިން ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، ރިއަލް އެސްޓޭޓް ބިލުގެ އިތުރުން މަޖިލީހުން ބަލައިގަތީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ބިލާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލެވެ.
މިއަދުގެ ޖަލްސާގައި މި ބިލުތައް ބަލައިގަތުމަށް ވަކިވަކިން ނެގި ވޯޓަށް ބަލާއިރު، ރިއަލް އެސްޓޭޓް ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 42 މެންބަރުން ވޯޓު ދެއްވިިއިރު، ބަލައިނުގަތުމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މަރުގެ ހުކުމް ތަންފީޒުކުރާ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ސަރަހައްދަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ތަނެއް ނަމަވެސް، އެ ހުރިހާ ތަންތަން ހިންގަންވާނީ އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރޭގަ އެވެ.
މީގެއިތުރުން، ރަސްމާލޭން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދުތަކުގައި ވެސް ދިވެހިރާއްޖޭގެ ގާނޫނު ފުރިހަމައަށް ހިނގާނެ ކަމަށް މި ބިލުގައި ބުނެފައިވެ އެވެ. އަދި އެ ސަރަހައްދުގެ އެންމެހައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށާއި، ދިވެހި ދައުލަތުގެ އިދާރާތައް އެ ޒޯނުގައި ތަމްސީލުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޖުވާކުޅުމާއި ދިވެހިރާއްޖޭގެ ގާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް އަމަލެއް އެ ސަރަހައްދުގައި ހިންގުމަކީ މަނާކަމެއްގެ ގޮތުގައި މި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.
މިއަދުގެ ޖަލްސާއިން މި ތިން ބިލު ބަލައިގަތުމާ ގުޅިގެން، ބިލުތައް އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ދާއިމީ ކޮމިޓީތަކަށް މިހާރު ވަނީ ފޮނުވާފަ އެވެ.
ރަސްމާލެ ވިއްކާލައިފިނަމަ ގައުމީ ހަރަކާތާ ގުޅޭނަން: ޔޫނިއަންތައް
އާންމު މެންބަރުން އަދާލަތުން ވަކިވާން ގޮވާލައްވައިފި
