މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ބަހުރައިނާއި ކުވެއިތަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއް އެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތަކުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށް އެ ދެ ގައުމުން ބުދަ ދުވަހު ހާމަކޮށްފި އެވެ.

ބަހުރައިންގެ ޑިފެންސް ފޯސްއިން ބުނި ގޮތުގައި، ބުދަ ދުވަހު އެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ވައިގެ ގިނަ ހަމަލާތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ދިފާއުކޮށްފަ އެވެ. ބަހުރައިން އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި، ތަކުރާރުކޮށް ބަހްރައިނަށް ހަމަލާދިނުމަކީ އީރާނުން ރޭވުންތެރިކަމާއެކު ހިންގަމުންދާ ދުޝްމަންކަމުގެ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އަދި ބަހުރައިންގެ ސިފައިން މި ހަމަލާތަކަށް ރައްދުދީފައިވަނީ ވަރަށް މަތީ ދަރަޖައެއްގެ ހުށިޔާރުކަމާއި ސާބިތުކަމާއެކު ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިއީ މި ހަފުތާ ތެރޭގައި އެ ގައުމަށް މިފަދަ ހަމަލާތަކެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. އަންގާރަ ދުވަހުވެސް އަމާޒަށް ވާސިލުވުމުގެ ކުރިން އީރާނުގެ މިފަދަ ނުރައްކާތައް ނައްތާލާފައިވާ ކަމަށް ބަހުރައިނުން ކުރިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، ކުވެއިތުގެ އަސްކަރިއްޔާއިންވެސް ވަނީ އެ ގައުމާ ދެކޮޅަށް ފޮނުވާލި ޑްރޯން ހަމަލާތަކަކަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ރައްދުދީފައިވާ ކަމަށް ހާމަކޮށްފަ އެވެ. ކުވެއިތު އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުނެފައިވަނީ، އާންމުންނަށް ގޮވުންތަކުގެ އަޑު އިވިފައިވާނަމަ އެއީ ދިފާއީ ނިޒާމުން ހަމަލާތައް ހުއްޓުވުމުގެ ތެރޭގައި އުފެދުނު އަޑުތައް ކަމަށެވެ.

މި ހަމަލާތައް ކުށްވެރިކޮށް ކުވެއިތުގެ ހާރިޖިއްޔާއިން އެކްސް ގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސަރަހއްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ. އަދި މަސްރަހު ފިނިކުރުމަށް ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މިފަދަ އަމަލުތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.