ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބޮޑެތި ޝަރުއީ އިއުތިރާޒުތަކާއި ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަންކަން ހުރިކަމަށް ބުނެ، އެ މަޝްރޫއުގެ ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް މަޝްރޫއު ހުއްޓާލުމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި އެވެ.

އިލްމުވެރިންގެ ގުޅުމުން މިކަމަށް ގޮވާލެއްވީ އެ ޖަމިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މިއަދު ނެރުނު ބަޔާނުގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ހާމަވެފައިވާ ޝަރުތުތަކުގެ މަތިން މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ދީނަށާއި ގައުމަށް އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ.

"މިހާތަނަށް ހާމަވެފައިވާ ޝަރުތުތަކުގެ މަތިން، މި މަޝްރޫއުގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުން ބޮޑެތި ޝަރުއީ އިއުތިރާޒުތައް އުފެދެއެވެ. އެހެންކަމުން، މި މަޝްރޫއު މިހާރު ހުއްޓާލުމަކީ ދައުލަތުގެ ޝަރުއީ ޒިންމާއެއް ކަމުގައި ޢިލްމުވެރިންގެ ގުޅުމުން ދެކެމެވެ." ބަޔާނުގައިވެ އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ ޣައިރު މުސްލިމުން ދިވެހިރާއްޖޭގައި ރަށްވެހިކުރުމަށް ނުވަތަ ވަޒަންވެރިކުރުމަށް، އެ ޖަމިއްޔާއިން އެއްވެސް ގޮތަކަށް، އަދި އެއްވެސް ޝަރުތެއްގެ މަތިން ތާއީދެއް ނުކުރާ ކަމަށެވެ.

"ދިވެހިރާއްޖެއަކީ އެތަކެއް ގަރުނެއް ވެފައިވާ 100 ޕަސެންޓު އިސްލާމީ ގައުމެކެވެ. ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި، މުސްލިމަކު ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށާއި، 10 ވަނަ މާއްދާގައި، ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ހުކުމަކާ ހިލާފު ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދިގެން ދިއުމަކީ، މި ދެ އަސާސަށް ބުރޫއަރާ، އަދި އަނބުރާ އިއާދަ ނުކުރެވޭނެ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

މަޝްރޫއު ހުއްޓާލަން ގޮވާލި މައިގަނޑު ސަބަބުތައް

ޕްރޮޕަޓީ ވިއްކާ ކޮންމެ ފަހަރަކާއި ވާރުތަވާ ކޮންމެ ފަހަރަކު 99 އަހަރުގެ ލީސް އަލުން ފެށޭ ގޮތަށް އޮތުމުން، ބިން ދުވަހަކުވެސް ދައުލަތަށް އަނބުރާ ނުލިބި އޮވެދާނެ ކަމާއި ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި މި ނިޒާމު ހިމަނާފައިވުން.

ޣައިރު މުސްލިމުން ވަޒަންވެރިކުރުވުން ގާނޫނުއަސާސީގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ ރޫހާ ހިލާފުވުން.

150,000 ދިވެހިން ދިރިއުޅޭނެ ސަރަހައްދަކާ ބްރިޖަކުން ގުޅާލެވިފައިވާ އަދި މާލެއިން 17 މިނެޓުން ދެވޭ ހިސާބުގައި، ރިސޯޓުތަކުގައި ހިނގާ ފަދަ ގަވާއިދުތައް ހިންގުމަށް ބިލުގެ 76 ވަނަ މާއްދާގެ (ބ) އިން ދޮރު ހުޅުވިފައި އޮތުން.

ދައުލަތުގެ އެންމެ އަގުބޮޑު އެއް ބިން ދޫކުރާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ މަޝްރޫއުގެ ހިއްސާއެއް ދައުލަތަށް ނުލިބުން.

އެއްބަސްވުމާއި ފީޒިބިލިޓީ ދިރާސާ ހާމަނުކޮށް، ވާދަވެރި ބީލަމަކަށް ހުޅުވާނުލައި، އަދި މަޝްރޫއު ހިންގާނެ ގާނޫނެއް ފާސްނުވަނީސް ކަންކަން ކުރިއަށް ގެންދިއުން.

އެކަންކަން އެހެން ހުރިއިރު، ހަމަ މި ޑިވެލޮޕަރާއެކު ސާބިއާއަށް 32 ޕަސެންޓު އަދި އަޑިސް އަބާބާ ސިޓީއަށް 27 ޕަސެންޓުގެ ހިއްސާ ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދުލުން ދޭ ޔަގީންކަމަކީ ގާނޫނީ ހިމާޔަތެއް ނޫން ކަމަށް ވެސް އިލްުމުވެރިންގެ ގުޅުމުން ބުންޏެވެ.

ރަސްމާލޭގައި ރަލާއި އޫރުމަހާއި ކެސިނޯ ހުއްދަ ނުކުރާނެ ކަމަށާއި، ލީސް އޮޓޮމެޓިކުން އާ ނުވާނެ ކަމަށާއި، އިސްރާއީލީންނަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޔަގީންކަމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ މަރުޙަބާ ކިޔާފަ އެވެ. އެހެންނަމަވެސް، ލީސްއާއި އެ ސަރަޙައްދުގައި ހިނގާނެ ގަވާއިދާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ހައުސިން މިނިސްޓަރުގެ ވާހަކަތައް ފުށުއަރާކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.