ހޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ ޖެނިފާ ލޯޕޭޒް އާއި ބެން އެފްލެކްގެ ކައިވެނި ރޫޅި ދެ ތަރިން ވަކިވުމުގެ ވާހަކައަކީ މުނިފޫހިފިލުވުމުގެ ދުނިޔޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އެވެ.
ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ އަޑުތަކަށްފަހު، 2024 ވަނަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހު ޖެނިފާ ވަނީ ލޮސް އެންޖެލިސް ސުޕީރިއާ ކޯޓަށް ވަރިވާން ހުށަހަޅާފަ އެވެ. އެ ދުވަހަކީ 2022 ވަނަ އަހަރު ޖޯޖިއާގައި އެ ދެ ތަރިން ބޭއްވި ކައިވެނީގެ ރަސްމިއްޔާތަށް ދެ އަހަރު ފުރުނު ދުވަސް ވެސްމެ އެވެ.
ވަރީގެ ލިޔެކިޔުންތަކުގައި ޖެނިފާ ބަޔާން ކޮށްފައިވާ ގޮތުގައި، ދެ ތަރިން ރަސްމީކޮށް ވަކިވެފައިވަނީ 2024 އޭޕްރީލް 26 ގަ އެވެ. ވަކިވާން ޖެހުނު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ދެމަފިރިންގެ މެދުގައި ހައްލު ނުކުރެވޭ ފަދަ ހިޔާލު ތަފާތުވުންތައް ހުރުމެވެ.
ވަކީލަކާ ނުލައި އަމިއްލައަށް ކޯޓަށް ހުށަހެޅި މި މައްސަލައިގައި، ޖެނިފާ ވަނީ އޭނާގެ ނަމުގެ ފަހަތުގައި އޮތް "އެފްލެކް" އުނިކޮށް، އަލުން "ލޯޕޭޒް" އަށް ބަދަލު ކޮށްދިނުމަށް ވެސް އެދިފަ އެވެ.
އެ ދެ ތަރިންނާ ގާތް ފަރާތްތަކުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ކައިވެނި ދެމެހެއްޓުމަށް ބެން އެފްލެކްގެ ފަރާތުން އެއްވެސް ޝައުޤުވެރިކަމެއް ނުވަތަ މަސައްކަތެއް ފެނިފައެއް ނުވެ އެވެ.
މީގެ އިތުރުން ދެ ތަރިންގެ މިޒާޖު ވަރަށް ބޮޑަށް ތަފާތުވުމަކީ ވެސް މައްސަލައަކަށްވި އެވެ. ޖެނިފާއަކީ އާންމުންގެ ތެރޭގައި އުޅުމަށާއި އިޖުތިމާއީ ކަންކަމަށް ލޯބިކުރާ މީހަކަށް ވާއިރު، ބެންއަކީ މަޑުމައިތިރި، ގޭގައި ހުންނަން ބޭނުންވާ އަދި އަމިއްލަ ދިރިއުޅުން މީޑިއާއާ ދުރުގައި ބާއްވަން ބޭނުންވާ މީހެކެވެ.
މި ދެ ތަރިންގެ ގުޅުމަށް އައި ބަދަލުތައް ޖެނިފާގެ ޑޮކިއުމެންޓްރީ "ދަ ގްރޭޓެސްޓް ލަވް ސްޓޯރީ ނެވާ ޓޯލްޑް" އިން ވެސް ފާހަގަވި އެވެ.
އެގޮތުން، ބެން ޖެނިފާއަށް ފޮނުވާފައިވާ ލޯބީގެ ސިޓީތައް ޖެނިފާގެ އަލްބަމްގެ މަސައްކަތުގައި ބައިވެރިވި އެހެން މިއުޒީޝަނުންނަށް ދެއްކުމުން ބެން އެކަމާ ހިތްހަމަނުޖެހުނުކަން އެނގުނެވެ.
މީގެ ކުރިން 2004 ވަނަ އަހަރު މި ދެ ތަރިންގެ އެންގޭޖްމަންޓް ރޫޅެން މެދުވެރިވި މައިގަނޑު ސަބަބަކީ ވެސް މީޑިއާގެ މާ ބޮޑު ސަމާލުކަމާއި ފާޑުކިޔުންތައް ކަމަށް ބެން ވަނީ މީގެ ކުރިން ބުނެފަ އެވެ.
ވަރިވުމަށް ހުށަހެޅިތާ ދެ އަހަރު ފަހުން، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު "ޓުޑޭ" ޝޯއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ މި ވަރިއާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން، އެއީ ހުރިހާ ގޮތަކުން ވެސް ވަރަށް އުނދަގޫ އަދި މާޔޫސް ކުރުވަނިވި ނިމުމެއް ކަމަށް ޖެނިފާ ސިފަކުރި އެވެ. ދެން އެ ވާހަކަތަކުގެ ތެރެއަށް އަލުން ވަންނަން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރިންސް ވިލިއަމްއަށް ބޮލީވުޑްގެ ތަފާތު ތަޖުރިބާއެއް!
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަމާއެކު އޮނަރަބްލް ކިޔަންޖެހޭ
މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން