ރަމަޟާން މަސް ކައިރިވަމުން އަންނައިރު އަހަރުމެން ދިވެހިންގެ ތެރޭގައި ކޮށްއުޅޭ މައިގަނޑު އެއް ކަމަކީ ގޭގައި ހުންނަ ފަރުނީޗަރު ބަދަލުކޮށް އާ ފަރުނީޗަރު ހޯދުމެވެ.

މިގޮތަށް ގޭތެރޭގެ ފަރުނީޗަރު ބަދަލު ކުރާއިރު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ހުންނަ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ.

ޖާގަ ރަނގަޅަށް މިން އެޅުން

ފިހާރައަކުން ނުވަތަ އޮންލައިންކޮށް ފަރުނީޗަރެއް ގަތުމަށްފަހު ގެއަށް ގެންދާއިރު، އެ އެއްޗެއް މާ ބޮޑުވެ ނުވަތަ ކޮޓަރީގެ ބޮޑު ބައެއް ހިފާ ގޮތްވުމަކީ ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެހެންކަމުން އެއްޗެއް ގަތުމުގެ ކުރިން ކޮޓަރީގެ ޖާގައާއި ދޮރުތަކާއި ގޯޅިތައް އަދި ސިޑިތައް ރަނގަޅަށް މިން އަޅަން ވާނެ އެވެ. ކޮޓަރިތަކުގެ ތެރޭގައި ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެހެން ޖާގަ ބޭއްވުމަކީ ގެއަށް ފަސޭހަކަމާއި އަމާންކަން ގެނެސްދޭނެ ކަމެކެވެ.

އެއްފަހަރާ މާ ގިނަ ފަރުނީޗަރު ނުގެނައުން

އާ ގެއަކަށް ބަދަލުވުމުން އެއްފަހަރާ ހުރިހާ ފަރުނީޗަރެއް ގަތުމުގެ ބަދަލުގައި، އެންމެ ބޭނުންތެރި އަސާސީ އެއްޗެހިން ފަށާށެވެ. އޭގެ ތެރޭގައި އެނދު، ސޯފާ، ކާމޭޒު އަދި އަލަމާރި ހިމެނެ އެވެ. ގެ ބޭނުންކުރަން ފެށުމުން، ޖާގަ ބޭނުން ކުރެވޭ ގޮތަށް ބަލައި މަޑުމަޑުން އިތުރު އެއްޗެހި ގަތުމުން ފަހުން އެއްޗެހި ވިއްކަން ޖެހުމާއި ހަރަދު ބޮޑުވުމުން ސަލާމަތްވާނެ އެވެ.

ބަޖެޓެއް ކަނޑައެޅުން

ރީތި ޑިޒައިންތަކާއި ޑިސްކައުންޓްތައް ފެނުމުން ބަޖެޓަށްވުރެ އިތުރަށް ހަރަދު ކުރެވުމަކީ ފަސޭހަ ކަމެކެވެ. އެހެންކަމުން ކޮޓަރިތަކަށް ބަޖެޓު ބަހާލައި، ކުއްލިއަކަށް ދިމާވެދާނެ ހަރަދުތަކަށް ކުޑަ މިންވަރެއް ހާއްސަ ކުރާށެވެ. އަބަދުވެސް އެންމެ އަގުހެޔޮ އެއްޗަކީ ދިގު މުއްދަތަކަށް ބަލާއިރު އެންމެ ފައިދާހުރި ގޮތަކަށް ނުވެދާނެ އެވެ. އެނދު، ސޯފާ އަދި ގޮނޑި ފަދަ އާންމުކޮށް ބޭނުންކުރާ އެއްޗެހީގެ މެޓީރިއަލް، ބާރުމިން، ޖޮއިންޓްތައް އަދި ވޮރެންޓީ ޗެކްކުރަން ވާނެ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ މެޓީރިއަލް ހިޔާރު ކުރުން

ފަރުނީޗަރު ރީތިވުމުގެ އިތުރުން، ތިބާ ދިރިއުޅޭ ގޮތަށް އެކަށީގެންވާ އެއްޗަކަށް ވާންޖެހެ އެވެ. ގޭގައި ކުޑަކުދިން ނުވަތަ ޖަނަވާރު ގެންގުޅޭނަމަ، ފަސޭހައިން ހަޑިވާ ފޮތި ހިޔާރު ނުކުރާށެވެ. އަދި ގެއަށް އަވީގެ އަސަރު ބޮޑަށް ކުރާނަމަ، އަވީގައި ހަލާކުނުވާނެ ފަދަ މެޓީރިއަލްތައް ހޮވާށެވެ.

ލަކުޑީގެ ބާވަތްތަކާއި ފަރުނީޗަރުގެ ޑިޒައިން

ސޮލިޑް ވުޑް (ބޯ ލަކުޑި) ފަރުނީޗަރަކީ ގެއަށް ހާއްސަ ރީތިކަމަކާއި ދިގު އުމުރެއް ގެނެސްދޭ އެއްޗެކެވެ. ހާއްސަކޮށް ޝީޝަމް ލަކުޑި އަކީ އޭގެ ކުރެހުންތަކާއި ރީތިކަމުގެ ސަބަބުން ގިނަ ބަޔަކު ޤަބޫލުކުރާ ބާވަތެކެވެ. މީގެ އިތުރުން ބަޖެޓާއި ބޭނުމަށް ބަލައި ލޭޔާޑް ވުޑް، މެޓަލް އަދި ކުޝަން ފަރުނީޗަރު ވެސް ރަނގަޅު އިހުތިޔާރަކަށް ވެދާނެ އެވެ.

ރީތިކަމުގެ އިތުރުން ސާމާނު ރައްކާކުރާނެ ޖާގަ (ސްޓޯރޭޖް) އަށް ވިސްނުން

ފުރަތަމަ ފަހަރަށް ގެއަށް ފަރުނީޗަރު ހޯދާއިރު، އެއްޗެހި ރައްކާ ކުރާނެ ޖާގައާ މެދު މާ ބޮޑަކަށް ނުވިސްނަ އެވެ. ނަމަވެސް ގެ ތަރުތީބުކޮށް ސާފުތާހިރުކޮށް ބޭއްވުމަށް މިއީ ވަރަށް މުހިންމު ކަމެކެވެ. ކުދި ގެތަކުގައި، ސްޓޯރޭޖް ހުންނަ އެނދުތަކާއި، ވަތްގަނޑު ހުންނަ މޭޒުތަކާއި، އެއް ފަރުނީޗަރަކުން އެތައް ބޭނުމެއް ފުއްދޭ ފަދަ އެއްޗެހި ޚިޔާރު ކުރުމުން ރީތިކަން ގެއްލުމަކާ ނުލައި ގެ ތަރުތީބުކޮށް ބޭއްވޭނެ އެވެ.