އެމްއެމްއޭ ފިންލިޓް ފެސްޓްގެ ހަރަކާތްތައް އަތޮޅުތެރެއަށް ފުޅާކޮށް ހއ. އަތޮޅުގައި މަލީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ކުޑަކުދިންގެ ހަވީރުތައް ބާއްވަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ މި މަހުގެ 20 އިން 22 އަށް ކުރިއަށްދާ ތިން ދުވަހުގެ މި ޕްރޮގްރާމުގައި، މާލީ ހޭލުންތެރިކަމުގެ ސެޝަންތަކާއި އިގްތިސާދާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަދި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ހިމެނޭ ކަމަށެވެ.
ތާވަލުގައި ވާ ގޮތުން، ނޮވެންބަރު 20 އާއި 21 ގައި ހއ. ދިއްދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. ނޮވެންބަރު 21 ވާ ހޮނިހިރު ދުވަހު ވަށަފަރު، އުތީމު އަދި ފިއްލަދޫގައި ހަރަކާތްތައް ބާއްވާއިރު، ނޮވެންބަރު 22 ވާ އާދިއްތަ ދުވަހު ކެލާ އާއި މުރައިދޫގައި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން، "ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް" ނަމުގައި ކުޑަކުދިންގެ ހަވީރެއް މާދަމާ ދިއްދޫގައި އަދި ހޮނިހިރު ދުވަހު ވަށަފަރުގައި ބާއްވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި ދެ ހަރަކާތް ވެސް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ. ކުޑަކުދިންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް، މަޖާ މާހައުލެއްގައި އެކިއެކި ހަރަކާތްތައް މި ހަވީރުތަކުގައި ކުރިއަށްދާނެއެވެ.މި ހަރަކާތްތަކުގައި ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ވެސް ބައިވެރިވާނެ އެވެ.
ހއ. އަތޮޅުގައި ފިންލިޓް ފެސްޓް ކުރިއަށް ގެންދަނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެންނެވެ. މި ހަރަކާތަކީ ރަށްރަށަށް މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ފުޅާކޮށް، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރާ މަސައްކަތުގެ ބައެއް ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓަކީ 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ހަރަކާތެކެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ހުއްޓާލައިފި
ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދަށާއި އައްބާހަށް
މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން
