ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި މުޅި އުމުރަށް ދީގެން ހިންގަން އުޅޭ މަޝްރޫއާއި އެފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު 18 ދުވަސް ތެރޭ ނިންމަން ރައްޔިތުންގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒު ހުށަހެޅުއްވީ، ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ހަތެއް ޑިސެމްބަރުގެ ނިޔަލަށް ނިންމުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހުޅުމާލެ މެދު ދާއިރާގެ މެމްބަރު އަބްދުﷲ ޝަޒީމެވެ. އެ ހުށަހެޅުން ފާސްވީ ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު ހުށަހެޅުއްވީ، ބިލުގެ މަސައްކަތް 19 ޑިސެމްބަރުގައި ނިންމުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރެއްގެ ތާއީދެއް ނުލިބެ އެވެ.

ބިލާ ގުޅޭގޮތުން އާއްމުންގެ ކޮމެންޓާއި، ބިލާ ގުޅުންހުރި މުއައްސަސާތަކުގެ ކޮމެންޓު ލިޔުމުން ހޯދުމުގެ މަސައްކަތް ޑިސެމްބަރު 2އާ ހަމައަށް ނިންމަން ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވި ހުށަހެޅުން ވެސް ވަނީ ފާސްވެފަ އެވެ.

ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން މެންބަރު ސަމީރު ހުށަހެޅުއްވިޔަސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވި އެވެ.

ރަސްމާލޭގެ ދެބައިކުޅަ އެއްބައި މުޅި އުމުރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން އިދިކޮޅު އެމްޑީޕީން ގޮވާލި ނަމަވެސް އެފަދަ ވޯޓެއް ނުނަގަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.