ސަރުކާރުން ބާއްވާ ރަސްމީ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތަރުތީބުކުރުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް، ކެބިނެޓް ވަޒީރުންގެ މެދަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު ހިމަނައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމުކުރާ ރަސްމީ ކަންކަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ އިތުރުން ލަގަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ޕްރޮޓޮކޯލް ތަރުތީބު އަލުން ކަނޑައަޅުއްވާފަ އެވެ.

މި ދެންނެވުމާއެކު 2015 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އަމަލުކުރަމުން އައި ނަންބަރު 11/2015 ދެންނެވުން ވަނީ ބާތިލުކޮށްފަ އެވެ.

އަލަށް އެކުލަވާލި ތަރުތީބުގައިވާ ގޮތުން، ޕްރޮޓޮކޯލް ލިސްޓުގެ ފަސްވަނަ ދަރަޖައިގައި ހިމެނޭ ކެބިނެޓް ވަޒީރުންގެ ތެރޭގައި، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ ވިދިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަނީ ހިމަނާފަ އެވެ. މިއާއެކު އިސްލާމިކް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ފަދަ ކެބިނެޓްގެ ގިނަ ވަޒީރުންގެ ކުރިއަށް މެޖޯރިޓީ ލީޑަރު ވަނީ ޖައްސާފަ އެވެ.

މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެނީ ކެބިނެޓް ވަޒީރުންނާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ކުރީގެ ރައީސުން އަދި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނަށްވުރެ ވެސް ފަހަތުގަ އެވެ. އާ ދެންނެވުމުގައި ވެސް މަޖިލީހުގެ އެހެން މެންބަރުން 11 ވަނަ ދަރަޖައިގައި އޮތް ނަމަވެސް، މެޖޯރިޓީ ލީޑަރުގެ މަގާމު ވަނީ ފަސްވަނަ ދަރަޖައަށް އުފުލާފަ އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ނަމަ، އެ ޖަލްސާއެއް އިންތިޒާމުކުރާ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ ރައީސްގެ ކަނާތްޕުޅު ފަރާތުގައި އިންނަވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އެއް މަގާމަށްވުރެ ގިނަ ހައިސިއްޔަތު އޮންނަ ބޭފުޅެއް ނަމަ، ލިސްޓުގައި ހިމެނޭ އެންމެ އިސް މަގާމަކަށް އިސްކަންދިނުމަށް ވެސް ދެންނެވުމުގައި ކަނޑައަޅާފައިވެ އެވެ.