މީގެ ހަތަރު އަހަރު ކުރިން ކަނޑަށް ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖް މަރުވެފައިވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފި އެވެ.
އުމުރުން މިހާރު 28 އަހަރުވާނެ މިންހާޖް ގެއްލިފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު އެވެ.
ކަށުނަމާދުގެ މައުލޫމާތު ގެނެސްދޭ ސޯޝަލް މީޑިއާ ޕޭޖަކުން މިއަދު އާންމުކޮށްފައިވާ ގޮތުގައި، މިންހާޖްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ހުކުރު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތުގަ އެވެ. ގެއްލޭ މީހުން ގާނޫނުގައި ބަޔާންކުރާ ވަކި މުއްދަތެއްގެ ތެރޭގައި ނުފެނިއްޖެނަމަ، އެއީ މަރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިންހާޖަށް ވީނުވީއެއް ނޭނގިގެން ރިޕޯޓުކޮށްފައިވަނީ އެ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ހަބަރެއް ނުވެގެން ޖެހިގެން އައި ދުވަހު ފުލުހުންނަށް ރިޕޯޓުކުރިއިރު، ދެ މީހުން ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި ފެނުނީ އއ. މާޅޮހުގެ ދެކުނުން އޮކްޓޫބަރު 7 ވަނަ ދުވަހު އެވެ.
އެ ލޯންޗުން މިންހާޖާއެކު ދަތުރުކުރި ޅ. ހިންނަވަރު، އަލީ މުހައްމަދު ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާލުން ސަލާމަތުން ފެނިފަ އެވެ. ނަމަވެސް ލޯންޗު ބަންޑުންޖަހާލި ސަރަހައްދާއި ލޯންޗުގައި ގިނަ އަދަދަކަށް ތެޔޮ ހުރުން ފަދަ ކަންކަމާ ހުރެ، އަލީ މުހައްމަދު ފުލުހުންނަށް ދިން މައުލޫމާތުތަކުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަން އޭރު ފުލުހުން ފާހަގަކުރި އެވެ.
މިންހާޖް ހޯދުމަށް އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން 78 ގަޑިއިރު ވަންދެން ހިންގި އޮޕަރޭޝަން ހުއްޓާލި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މިއަދު ފުލުހުންނާ ގުޅުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
ޓްރަމްޕް، ޕޫޓިން އަދި ޝީ ބައްދަލުކުރައްވައިފި
ރަސްމީ ޖަލްސާތަކުގައި މިނިސްޓަރުންނާ އެއް ސަފަށް ފަލާހު
2035 ވަނަ އަހަރު އެންމެ މީހުން ގިނަ ދީނަކަށް އިސްލާމްދީން ވާނެ