2035 ވަނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ ކަމަށް އެމެރިކާގެ މަޝްހޫރު ދިރާސާ މަރުކަޒު، "ޕިއު ރިސާޗް ސެންޓަރު" އިން ހާމަކޮށްފި އެވެ.
ދީންތަކުގެ އާބާދީ ދިރާސާކުރުމުގައި 25 އަހަރުގެ ތަޖުރިބާ ހުރި ޕިއު ސެންޓަރުން ބުދަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، އިސްލާމްދީނާއި ކްރިސްޓިއަން ދީން ވެސް ކުރިއަރަމުން އައި ނަމަވެސް، އެންމެ ބާރުމިނެއްގައި ކުރިއަރަމުން އަންނަނީ އިސްލާމްދީން ކަމަށެވެ. މި ކުރިއެރުމުގެ އެންމެ މައިގަނޑު ސަބަބަކީ މުސްލިމުންގެ މެދުގައި ވިހާ ރޭޓް (ފާޓިލިޓީ ރޭޓް) އެހެން ދީންތަކަށް ވުރެ އިތުރުވުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޕިއުގެ ސީނިއާ ޑިމޮގްރަފަރު ކޮންރަޑް ހެކެޓް ވިދާޅުވީ، ދީން ބަދަލުކުރުމަށް ވުރެ ބޮޑަށް މި ބަދަލު އައުމުގެ އަސްލަކީ ދަރިން ވިހާ މިންވަރު މަތިވުން ކަމަށެވެ. އެގޮތުން 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭއިރު، ކްރިސްޓިއަނުންގެ ރޭޓަކީ 2.5 އެވެ. އަދި އެހެން ދީންތަކުގެ އަންހެނުންގެ އެވްރެޖް ރޭޓަކީ 1.6 އެވެ. މިއީ ޖީލު ދެމިއޮތުމަށް ބޭނުންވާ 2.1 ގެ މިންގަނޑަށް ވުރެ ދަށް އަދަދެކެވެ.
ޕިއުގެ އަންދާޒާތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ދުނިޔޭގައި 2.27 ބިލިއަން ކްރިސްޓިއަނުން އަދި 2.02 ބިލިއަން މުސްލިމުން ތިއްބެވެ. ނަމަވެސް 2035 ގެ ނިޔަލަށް މުސްލިމުންގެ އަދަދު 2.57 ބިލިއަނަށް އަރައި، ކްރިސްޓިއަނުންގެ އަދަދު 2.52 ބިލިއަނުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މި އޮއިވަރު މިގޮތަށް ކުރިއަށް ގޮސްފިނަމަ، 2070 ވަނަ އަހަރު ދުނިޔޭގައި 3.6 ބިލިއަނަށް ވުރެ ގިނަ މުސްލިމުން އަދި 3 ބިލިއަނެއްހާ ކްރިސްޓިއަނުން އުޅޭނެ އެވެ.
2020 އިން 2070 އަށް ދުނިޔޭގެ އާބާދީ 29 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އެ އާބާދީއާ އެއްވަރަށް އަދަދު އިތުރުވާނީ މުސްލިމުންނާއި ކްރިސްޓިއަނުންގެ އެކަންޏެވެ. އެ މުއްދަތުގައި މުސްލިމުންގެ އާބާދީ 80 އިންސައްތަ ކުރިއަރާއިރު ކްރިސްޓިއަނުން އިތުރުވާނީ 30 އިންސައްތަ އެވެ. ހިންދޫ އަދި ޔަހޫދީންގެ އަދަދު އިތުރުވި ނަމަވެސް، ދުނިޔޭގެ ނިސްބަތުން އެމީހުންގެ އިންސައްތަ ދަށަށްދާނެ އެވެ. އަދި ޗައިނާ، ޖަޕާން ފަދަ ގައުމުތަކުގެ އާބާދީ މަދުވަމުން ދިއުމާއެކު ބުދިސްޓުންގެ އާބާދީ ވެސް ދަށަށްދާނެ ކަމަށް ލަފާކުރެވެ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި އެމެރިކާގައި ކްރިސްޓިއަން އަޣުލަބިއްޔަތު ގެއްލޭނެ އެވެ. މިހާރު އެމެރިކާގެ 62 އިންސައްތަ މީހުންނަކީ ކްރިސްޓިއަނުން ކަމުގައި ވިޔަސް، 2065 ގެ ކުރިން އެ އަދަދު 50 އިންސައްތައަށް ވުރެ ދަށަށްދާނެ އެވެ. އަދި ކެނެޑާގައި 2030 ގެ ކުރިން ކްރިސްޓިއަން އަޣުލަބިއްޔަތު ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އަދި 2070 އަންނައިރު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނާނީ ޕާކިސްތާނުގައި ކަމަށާއި، ދެވަނައަށް އިންޑިއާ، ދެން ނައިޖީރިއާ އަދި އިންޑޮނޭޝިއާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ހުއްޓާލައިފި
މައްކާގެ މަޝްހޫރު ގަޑި ޓަވަރަށް ދުނިޔޭގެ ދެ ރެކޯޑެއް!
ޓްރަމްޕް، ޕޫޓިން އަދި ޝީ ބައްދަލުކުރައްވައިފި