ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ކުދިން މިހާރު ދިރިއުޅެމުންދަނީ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި ކަމަށާއި، މިއީ 1990 ވަނަ އަހަރުން ފެށިގެން މިފަދަ ހިސާބުތައް ބަލަހައްޓަން ފެށިފަހުން މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ ޗެރިޓީ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރަން" އިން ހާމަކޮށްފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނެރުނު "ސްޓޮޕް ދަ ވޯ އޮން ޗިލްޑްރަން: ޗޭންޖިން ދަ އޮޑްސް" މި ރިޕޯޓަކީ ޕީސް ރިސާޗް އިންސްޓިޓިއުޓް އޮސްލޯ (ޕްރިއޯ) ގެ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު މިހާރު ދިރިއުޅެމުންދަނީ ހަނގުރާމައިގެ ހާލަތުގަ އެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި މި އަދަދު ވަނީ 50 އިންސައްތައަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު މިފަދަ ސަރަހައްދުތަކުގައި 378 މިލިއަން ކުދިން ދިރިއުޅުނު ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 589 މިލިއަނަށް އަރާފަ އެވެ. އަދި 1990 ގެ މެދުތެރޭގައި ހަނގުރާމައިގެ ސަރަހައްދުތަކުގައި ދިރިއުޅުނު ކުދިންގެ ނިސްބަތް 10 އިންސައްތައިގައި ހުރިއިރު، 2025 އާ ހަމައަށް އެ ނިސްބަތް ވަނީ 23.4 އިންސައްތައަށް ދެގުނަވެފަ އެވެ.
މި ރިޕޯޓުގައި ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި މާނަކޮށްފައިވަނީ، މަދުވެގެން އެއް ހަތިޔާރު އެޅި ހަމަލާ ހިނގާފައިވާ ސަރަހައްދެއްގެ ވަށައިގެންވާ 50 ކިލޯމީޓަރުގެ ރޮނގުގެ އެތެރެ އެވެ.
ޕްރިއޯގެ ރިސާޗް ޕްރޮފެސަރު ގުދްރުން އޮސްޓްބީ ވިދާޅުވީ، މި ރެކޯޑު އަދަދުތަކުން ހަނދާންކޮށްދެނީ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ކުޑަކުދިންގެ ދިރިއުޅުމާއި، ތައުލީމާއި، ސިއްހަތު އަދި މުސްތަގުބަލު ބިމާހަމަވަމުންދާ މިންވަރު ކަމަށެވެ. އަދި ހަނގުރާމައިގެ މާހައުލުގައި ދިރިއުޅޭ ކުދިން ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ނުކޮށްފިނަމަ، މިއަދުގެ ހަނގުރާމަތަކުގެ ހިތި ނަތީޖާ ކުރިއަށް އޮތް އެތައް ދިހަ އަހަރަކަށް ދެމިގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ރިޕޯޓު ދައްކާގޮތުން ހަނގުރާމައިގެ ސަރަހައްދުތަކުގައި އެންމެ ގިނަ އަދަދަކަށް ކުޑަކުދިން ދިރިއުޅެނީ އެފްރިކާ ބައްރުގަ އެވެ. އެއީ މުޅި ދުނިޔޭގެ ނިސްބަތުން 44 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 260 މިލިއަން ކުދިންނެވެ. މީގެއިތުރުން، މެދުއިރުމަތީގައިވެސް މި އަދަދުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. އެގޮތުން 2024 ގައި އެ ސަރަހައްދުގައި 52 މިލިއަން ކުދިން މިފަދަ ހާލަތުގައި ދިރިއުޅުނުއިރު، 2025 އާ ހަމައަށް އެ އަދަދު ވަނީ 29 އިންސައްތަ އިތުރުވެ، 67 މިލިއަނަށް އަރާފަ އެވެ. އެފްރިކާ އަދި މެދުއިރުމަތީގައި ކޮންމެ ފަސް ކުއްޖަކުން ދެ ކުއްޖަކު ދިރިއުޅެނީ ހަނގުރާމައިގެ ވެށީގަ އެވެ.
ސޭވް ދަ ޗިލްޑްރަން އިންޓަނޭޝަނަލްގެ ޗީފް އެގްޒެކެޓިވް އިންގަރ އަޝިން ވިދާޅުވީ، މި ކާރިސާގެ ބޮޑުމިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި، ކުޑަކުދިން ހިމާޔަތްކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް ފޭލްވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.
ޖެނުރައަރީ 1 ގެ ފަހުން އީރާނަށް ވާނެ ގޮތެއް ބަލާނަން: ޓްރަމްޕް
ކޮންމެ ދުވަހަކު އެއް ނާސްތާއެއް ކުރާނަމަ ވާނީ ކިހިނެއް؟
ކަނޑަށް ގެއްލުނު މިންހާޖް މަރުވެފައިވާ ކަމަށް ކަނޑައަޅައިފި