ރަސްމާލެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އެއްބަސްވުމުގައި ސޮއިނުކުރުމަށް އެދި "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަށް ސިޓީއެއް ފޮނުވައިފި އެވެ.

މި ސިޓީ ފޮނުވާފައިވަނީ އެ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ކަންކަމަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ.

މީގެއިތުރުން، އެ ހަރަކާތުގެ ސިޓީގައި ވިދާޅުވެފައިވަނީ، މިހާރު ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު އަލުން ވިސްނުމަށާއި، މި މަޝްރޫއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް ސަރުކާރުން އާންމު ވޯޓެއް ނަގަންދެން، މި މަޝްރޫއާ ގުޅޭ ގޮތުން މާލީ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް ޒިންމާއެއް ނުނެގުމަށް އީގަލް ހިލްސްއަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މި މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ކުރިއަށް އޮތް ތަނުގައި އަންނަ ސަރުކާރަކުން ވެސް މި އެއްބަސްވުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން އަމިއްލަ ގައުމުގައި ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ބެލެވިދާނެ ކަމަށާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވީ ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ވަނީ މި މުއާމަލާތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

ދައުލަތުގެ ބަޖެޓުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ގުޅޭ ކޮމާޝަލް ޓާމްސްގައި ސޮއިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މި ޕްރޮޖެކްޓުގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާލިކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ރަސްމާލެއިން ބައެއް ދޫކޮށްލުމާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅައި، ކޮމިޓީ މަރުހަލާގައި މިހާރު ދަނީ ދިރާސާކުރަމުންނެވެ.