މީޑިއާތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު ގެޒެޓް ކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ މި އަހަރު ދޫކުރަނީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 35.1 މިލިއަން ރުފިޔާ ކަމަށެވެ.

އެ ފައިސާ ދޫކުރަނީ އެއް ޕޭމަންޓްގެ ގޮތުގަ އެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތައް ކަނޑައެޅުމަށް މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި މީޑިއާ ހިންގާތާ ވީ މުއްދަތާއި، މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި، ހުށަހަޅާ ބިޒްނަސް ޕްލޭނާއި ގެނެސްދޭ ކޮންޓެންޓާއި އޭގެބާވަތް ހިމެނެ އެވެ.

މީގެ އިތުރުން ގާނޫނުގެ ދަށުން ފާއިތުވި ދެ އަހަރުދުވަހުގެތެރޭގައި، ބްރޯޑްކާސްޓް ނުވަތަ އޮންލައިން މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އެކަން އާންމުކޮށްފައިވާނަމަ، އެފަދަކޮންމެ ފިޔަވަޅަކަށް އެ މީޑިއާއެއްގެ އެޕްލިކޭޝަނުން ތިން މާކްސް އުނިކުރުމަށްވެސް މި އުސޫލުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އެއް ކުންފުންޏަކުން ނުވަތަ އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެގިނަ މީޑިއާ ހިންގި ނަމަވެސް، މީޑިއާ ގްރާންޓަށް އެދި ހުށަހެޅޭނީ އެ ފަރާތަކުން ކަނޑައަޅާ އެންމެ މީޑިއާއަކަށެވެ. އަދި ކޮންމެ މީޑީއާއަކަށް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެއިތުރުން، ކޮންމެ މީޑިއާއަކުން އިހުތިޔާރުކުރެވޭނީ ގިނަވެގެން ދެ މީޑިއަމެކެވެ. ނަމަވެސް، މީގެ ތެރޭގައި އެއްވައްތަރެއްގެ ދެ މީޑިއަމެއް އިހުތިޔާރެއް ނުކުރެވޭނެ އެވެ.

މިކަމާގުޅޭ މަރުހަލާތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށްޓަކައި އެކުލަވާލާފައިވާއޮންލައިން ޕޯޓަލްއަށް އުސޫލާއެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި އުސޫލަށް މީޑިއާތަކުން އިސްލާހުތަކެއް ހުށަހެޅިނަމަވެސް ކޮމިޝަނުން އެކަންކަމަށް ރިއާޔަތްކޮށްފައެއްނުވެ އެވެ.