ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ، ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކަށް ބޯކޮށް ދުން ފެތުރެމުންދާތީ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:00 އެހައިކަންހާއިރު، ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގަ އެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރޯވި އަލިފާން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް، ވައިގެ މިސްރާބު ހުރިގޮތުން، ގިނަ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ އަވަށާއި ކައިރި ސަރަހައްދުތަކަށް ބޯކަޅުދުމުގެ އަސަރު ވަރަށް ބޮޑަށް ވަނީ ފޯރާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޅި ސަރަހައްދު ވަނީ ދުމުން ބަންދުވެފަ އެވެ.
ކުނި އެންދުމުން އަރާ ދުމަކީ ސިއްހަތަށް ނުރައްކާތެރި އެއްޗަކަށް ވާތީ، އެ ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުން ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ. އެ އޭޖެންސީން އާންމުކުރި އިރުޝާދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ދުމުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވާނެ އެވެ.
އެހެންކަމުން ދުމުން ރައްކާތެރިވުމަށްޓަކައި، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްގެން ތިބުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވަނީ އެދިފަ އެވެ. އަދި ބޭރަށް ނުކުންނަން ޖެހޭނަމަ މާސްކު އެޅުމަށާއި، ނޭވާހިއްލުމާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން ވީވަރަކުން ގޭތެރޭގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން، ދުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން، ގަދައަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގުލެއް ތަހައްމަލުކުރަން ޖެހިއްޖެނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުމަށް އެޗްޕީއޭއިން ހަނދާންކޮށްދެ އެވެ.
ވަޒީފާގެ ބިރާއި ފައިސާ ބަހައިގެން ޕީއެންސީން ރެކޯޑެ ގާއިމްކޮށްފި
ޕްރިންސް ވިލިއަމްއަށް ބޮލީވުޑްގެ ތަފާތު ތަޖުރިބާއެއް!
ކަރެކްޝަންސްގެ އިހުމާލުން ގައިދީއެއްގެ އިނގިއްޔެއް ބުރިކޮށްލައިފި