ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް މިއަދު ހަވީރު ނިޔާވެއްޖެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައ ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވީ ހަވީރު 4:15 ގަ އެވެ.
މިސްރުގެ އަޒްހަރު ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ވަކީލު ޒަނީން ނިޔާވުމުން ގިނަ އަދަދެއްގެ ވަކީލުންނާއި ހެޔޮ އެދޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.
ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ޒަނީން ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ. ޖިނާއީ އަދި މަދަނީ ގިނަ މައްސަލަތެއްގައި ވެސް ޒަނީން ވަކާލާތު ކުރެއްވި އެވެ.
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެފައިވާއިރު، މިހާތަނަށް ޖުމުލަ 122 މީހަކު އެ ބަލީގައި ވަނީ ނިޔާވެފަ އެވެ. މި މަހު އެކަނިވެސް މިހާތަނަށް 49 މީހަކު ވަނީ ރާއްޖޭގައި ކޮވިޑްގައި ނިޔާވެފަ އެވެ. އަދި މިއަދު ވެސް ދެ މީހަކު ވަނީ ނިޔާވެފަ އެވެ.