ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އޭނާގެ އަލަތު ދަރިފުޅު ވިހައިފި އެވެ.
ދަރިފުޅުގެ ނަން ހާމަނުކޮށް ޝްރެޔާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ފިރިމީހާ ޝިލަދްތިޔާއާއެކު މަރުޙަބާކީ ލޯބި ފިރިހެން ކުއްޖަކަށް ކަމަށެވެ.
އަދި އޭނާގެ އާއިލާއަށް ކުރިއަށް އޮތް އުފާވެރި ދުވަސްތައް ތަޖުރިބާކުރަން ކެތްމަދުވެފައިވާ ކަމަށާއި އެންމެންގެ ލޯތްބާއި ހެޔޮދުއާ ބޭނުންވާ ކަމަށް ވެސް ޝްރެޔާ ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ޝްރެޔާ މި ޕޯސްޓް ކުރުމާއެކު ގިނަ ސަޕޯޓަރުންތަކެއްގެ އިތުރުން ބޮލީވުޑްގެ ލަވަކިޔުންތެރިންނާއި ތަރިން ވެސް ވަނީ ޝްރެޔާގެ ދެމިފިރިންނަށް މަރުހަބާ ކިޔައިފަ އެވެ.
އެގޮތުން އެ ޕޯސްޓަށް ކޮމެންޓްކޮށް ޝްރެޔާއަށް މަރުހަބާ ކީ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ޖޮނީތާ ގާންދީގެ އިތުރުން ޝްރެޔާ އާއެކު އިންޑިއަން އައިޑަލް ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ވިޝާލް ޑަދްލާނީ ހިމެނެ އެވެ.
އަލަތު ދަރިފުޅަށް ބަލިވެ އިންކަން މިދިޔަ މާޗް މަހު ޝްރެޔާ އާއްމުކޮށް އިއުލާން ކުރިއިރު ޝިލަދްތިޔާ އާއި އޭނާގެ ކައިވެންޏަށް ހަ އަހަރު ފުރިއްޖެ އެވެ. އެ ދެމީހުން ކައިވެނި ކުރީ 2015 ވަނަ އަހަރު އެވެ.
ޝްރެޔާ ގޯޝަލް އަކީ 2000ގެ ކުރީކޮޅު ބޮލީވުޑް މިއުޒިކް އިންޑްސްޓްރީއަށް ތައާރަފްވެ، މަޝްހޫރު ލަވަތަކެއް އާއްމުންނާ ހިސާބަށް ގެނެސްދީފައިވާ ލަވަކިޔުންތެރިއެކެވެ. އެގޮތުން އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި ފިލްމް ދޭވްދާސް އަށް ކިޔައިދީފައިވާ "ބެއިރީ ޕިއާ" އާއި "ޑޯލަރޭ" ހިމެނެ އެވެ.
މި ލަވަތަކަށްޓަކައި ޝްރެޔާއަށް ވަނީ ގިނަ އެވޯޑް ތަކެއްވެސް ލިބިފަ އެވެ. އޭގެ ތެރޭގައި ފިލްމް ފެއާ އެވޯޑާއި ނެޝަނަލް އެވޯޑް ވެސް ހިމެނެ އެވެ.