ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓް އަލުން ގުނުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ ހުށައެޅި އިންތިޚާބީ ޝަކުވާގެ މައްސަލާގަ އެވެ.
މި މައްސަލާގައި ހުކުމް ނިމެންދެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މައްޗަށް ހައިކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ އިންތިޚާބީ ޝަކުވާ ހުށައެޅީ ބާތިލް ވޯޓާއި ސައްހަ ވޯޓް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނެވެ.
މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބެހެއްޓި ތިން ވޯޓު ފޮއްޓެއް އަލުން ގުނާ ނަތީޖާ ކަނޑައަޅަން ޖެހޭ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ހައިކޯޓުން ވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ހުށައެޅި ހަތް މައްސަލައެއް ބަލާފަ އެވެ. މީގެ ތެރެއިން ފަސް މައްސަލައެއް ނިންމާފައި ވަނީ ސާބިތުނުވާ ކަމަށެވެ. ދެން ކޯޓުގައި ނުނިމި އޮތީ އެންމެ މައްސަލައެކެވެ. އެއީ ލ. މާބައިދޫގެ ކައުންސިލްގެ ރައީސުންގެ އިންތިޚާބާއި ގުޅޭ މައްސަލައެކެވެ.