ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ވެގެން ދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމައެކަނި ހިތޯބު ދެއްވަމުން ގެންދަވާތީ އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިހާރު ރާއްޖެ ދެކެމުން މިދަނީ ކޮވިޑުގެ އެންމެ ނުރައްކާތެރި ދުވަސްތަށް ކަމުގައި ވިޔަސް ރައީސް ސޯލިހު މީޑިއާއާ ސީދާ ބައްދަލެއް ނުކުރައްވަ އެވެ. ނަމަވެސް ބައެއް ފަހަރު އެމަނިކުފާނުގެ ގައުމާ މުހާތާބު ކުރައްވާ ސްޕީޗްތައް ސަރުކާރުން ދުރަށް ފޮނުވަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް އެދި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި ސައީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެ 70 ރަށެއް މޮނީޓަރިންއަށް ލިއިރު އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގޮތް ހުސްވަމުންދާ ކަމަށެވެ.

ސައީދ ވިދާޅުވީ އެ ދަރަޖައަށް ގައުމުގެ ކަންކަން ބޭނުންވާ ވަރަށް ވެކްސިނާއި ވެންޓިލޭޓަރާއި އޮކްސިޖަނާއި ކޮވިޑް ފެސިލިޓީގައި އެކަށީގެންވާ ވަސީލަތްތައް ހުރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި ކޮވިޑާ ގުޅިގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ހަރަދުކުރި އިރު ކުރި ހަރަދުތަކުގެ ތަފްސީލާއި މިހާރުގެ ހާލަތު އިތުރަށް އޮޅުން ފިލުވަން ރައްޔިތުން ބޭނުންވެފައިވާ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ޒިންމާދާރު ބޭފުޅުކު، ޒިންމާދާރޭ އަޅުގަނޑު މި ދަންނަވަނީ ވަޒީރުންގެ ފެންވަރުގައި. ރައްޔިތުންނާ ގާތުން މިވާހަކަ ކޮންމެ ދުވަހަކު ކިޔައިދޭ އަޑު އަހަން އަޅުގަނޑުމެން ހާދަހާ އިންތިޒާރެއް އެބަ ކުރަމޭ. ދުނިޔޭގެ ކޮން ގައުމެއްގަތޯ މިކަން މިގޮތަށް ނުކުރަނީ. މާނައަކީ ވަޒީރުންނާއި ކެބިނެޓް އެ ގައުމެއްގެ ވެރިމީހާ އަރާ ސީދާ ރައްޔިތުންނާ ބައްދަލުކޮށް މި މައުލޫމާތުތައް ދެނީ. ހުދު އެމެރިކާގައި ވެސް މިކަންކަން ކުރަމުން ދިޔައީ މިގޮތަށް،" ސައީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ހާއްސަކޮށް ރައީސް ސޯލިހް މީޑިއާއާ ބައްދަލު ނުކޮށް މިފަހުން ހަމައެކަނި ހިތޯބަކުން ރައްޔިތުންނަށް މެސެޖު ދެއްވަމުންދާތީ އެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ތޯރިގު ވިދާޅުވީ، ގައުމުގެ ރައްޔިތުން މިހާރު ޖެހެނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ފާޑު ކިޔައި ކިޔައި ތިބެން ކަމަށެވެ. އެކަމަކު ރައްޔިތުން ރައީސްއަކު ގައުމަށް އައްޔަން ކޮށްފައިވާއިރު އެ ރައީސް ނުފެންނަ ކަމަށެވެ.

"މިއަދު ރައްޔިތުން ނުކުމެ އުމުރުން ދުވަސްވެފައި ހުރި މިނިސްޓަރެއްގެ ހަން ނޮޅާ ހިސާބަށް މިދަނީ. ކޮބައިތޯ ރައީސުލް ޖުމްހޫރިއްޔާ؟ ކޮބައިތޯ ދިވެހި ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ވެރިމީހާ؟ ރެކޯޑް ކޮށްފައި އޮންނަ ސްޕީޗެއް ކޮންމެ ދުވަހަކު ހަތެއް ޖަހާލީމަ ދައްކާލީމަ ނި ނިމުނީކީ ނޫނޭ،" ތޯރިގު ވިދާޅުވި އެވެ.